ހުޅުމާލެ ފޭސް ތިނެއްގައި ހުންނަ ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށް ނެގި 20،000 ޑޮލަރާއި އެހެނިހެން ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 2:40 އެހާކަންހާއިރު ހުޅުމާލެ ފޭސް 2 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަން ކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެ މައުލޫމާތު ލިބުމުން ފުލުހުން އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވިއިރު ދަބަހެއް ވަގަށް ނަގާފައިވާކަމާއި އެ ދަބަހުގައި 20،000 ޑޮލަރު ހުންނާނެ ކަމަށާއި އަދި އެހެނިހެން ތަކެތިވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދު ބަލައިފާސްކުރަމުން ދިޔައިރު 20000 ޑޮލަރާއެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ތަކެތި ފެނިފައިވަނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައިކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.