ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައިގައި އިތުރު ތިން މީހުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ތިން މީހުންނާއެކު އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު 9 އަކަށް އަރައެވެ. އެ މީހުންނަކީ؛

  • އަހްމަދު ޝަހީމް (42އ)، ނޫރަލީގެ / ހދ.ވައިކަރަދޫ
  • ހުސައިން ސާމިހު (35އ)، ޗާނދަނީގެ / ސ. ހިތަދޫ
  • އަހްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ / މާލެ

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަހީމާއި ސާމިހު ހަތް ދުވަހަށް ބަންދު ކުރުމަށް އަދި ފިރުސާން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ މައްސަލައިގައި ކުރިން ހައްޔަރުކުރި މުހައްމަދު ވަހީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިމަހުގެ 22 ގައި ބުނެފައިވަނީ ދެ ކޮންޓެއިނަރުގެ ބައިތައް މިހާރު ފެނިފައިވާ ކަމަށާއި އެތަކެތި ފެނުނީ މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.

އެ މައްސަލައިގައި މިހާރު ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ދިގަލި ވަހީދާއެކު ފުރަތަމަ ހައްޔަރުކޮށްފައިވަނީ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފާއި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލުގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިޑެންޓެއް ކަމަށްވާ އަދި މިހާރު މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން މިހާރު ސަސްޕެންޑުކޮށްފައިވާ މުއާޒު އަލީއެވެ.

އޭގެ ފަހުން ހައްޔަރުކުރީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52އ) އާއި ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު (54އ) އެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.