ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކުރި ފަސް ވަނަ މީހަކީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52އ)، އެވެ. ފުލުހުން، އޭނާ ހައްޔަރުކުރީގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދެ ކޮންޓެއިނަރުގެ ބައިތައް މިހާރު ފެނިފައިވާ ކަމަށާއި އެތަކެތި ފެނުނީ މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެ މައްސަލައާ ގުޅިގެން ރޭ ވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މީހާއާ އެ މައްސަލައާ އޮތީ ސީދާ ކޮން ގުޅުމެއް ކަމެއް ފުލުހުން ނުބުނެއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ފުލުހުން މިމަހުހެ 14 ވަނަ ދުވަހުގެ ރޭ ބުނީ އެ މައްސަލައާ ގުޅިގެން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ފުލުހުން އޭރު ނުބުނެއެވެ.

ނަމަވެސް އެ ރޭ ހައްޔަރުކޮށްފައިވަނީ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފު، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދު އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލުގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިޑެންޓެއް ކަމަށްވާ އަދި މިހާރު މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން މިހާރު ސަސްޕެންޑުކޮށްފައިވާ މުއާޒު އަލީއެވެ،

މިމަހުގެ 15 ވަނަ ދުވަހު ކުރިމިނަލް ކޯޓުންވަނީ މުއާޒުގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައެވެ. އެ މުއްދަތު ހަމަވާތީ އޭނާ މިދިޔަ ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުންވަނީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިދީފައެވެ. ދެން ހައްޔަރުކުރި އާރިފާއި ޒިވާރުގެ ބަންދަށް މިމަހުގެ 15 ވަނަ ދުވަހު ކޯޓުން ޖަހައިފައިވަނީ 15 ދުވަހެވެ. ދިގަލި ވަހީދުގެ ބަންދަށް މިމަހުގެ 15 ވަނަ ދުވަހު ކޯޓުން ޖަހައިދީފައިވަނީ 10 ދުވަހެވެ.

މުއާޒުގެ ދެވަނަ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން އޭނާއަށް ކުރަނީ ވައްކަމުގެ ތުހުމަތެވެ. އަމުރުގައިވާ ގޮތުން މުއާޒް ކުށްކުރުމުގައި ބައިވެރިވިކަމަށް ގަބޫލުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ.

ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދު ނެރުއްވި އެ އަމުރުގެ އިތުރު ބަޔާނުގައި ބަޔާންކޮށްފައިވަނީ މުއާޒުގެ ހައްޔާރާމެދު އެންމެ ފުރަތަމަ ބޭއްވި މަޖިލީހުގައި ފަނޑިޔާރު ގޮތެއް ނިންމައިފީނަމަވެސް، ހައްޔަރާ ގުޅޭ އިޖުރާއީ ނުކުތާއެއް މުއާޒުގެ ފަރާތުން އޭނާގެ ވަކީލުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް ވަކީލުގެ ފަރާތުން ފާހަގަކުރި ނުކުތުއާ ގުޅިގެން، މުއާޒުގެ ހައްޔަރު އިޖުރާއަތު ގޯސްކަމަށް ކަނޑައެޅިދާނެ ފަދަ ގާނޫނީ ނުކުތާއެއް ވަކީލަށް ހުށަހެޅިފައި ނުވާކަމަށް ގާޒީ އިތުރު ބަޔާނުގައި ފާހަގަކުރެއްވިއެވެ.

"މީނާއާ ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ހުރި ތަފުސީލީ ވާހަކަތަކަށް ބަލާއިރު ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުރިކަމަށް ބެލެވޭ. މީނާއާ މި ކުށާއި ގުޅުވައި ނުލެވޭނެކަމަށް ވަކީލު ފާހަގަކުރި ނަމަވެސް، އެ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭ" ގާޒީ ވިދާޅުވެފައިވެއެވެ.

ގާޒީ ވިދާޅުވެފައިވަނީ މުއާޒަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކަމަށެވެ.

"މި ތުހުމަތުކުރެވިފައިވާ އަމަލު ހިންގުމުގައި، އިތުރު ފަރާތްތަކެއް ޝާމިލު ވެފައިވާކަން އައިއޯގެ ބަހުންނާއި ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގޭ" ގާޒީ ވިދާޅުވެފައިވެއެވެ.

މުއާޒުގެ ފަރާތުން އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އެދުނު ނަމަވެސް ގާޒީ ނިންމެވީ ބަންދުގެ މުއްދަތު އިތުރު ކުރުމަށެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވުމުންނާއި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެތީކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.