ގަވާއިދާހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ ކަސްޓަމުން ހިފަހައްޓައިފިއެވެ.

ކަސްޓަމުން މިރޭ ބުނީ އެ ފައިސާތައް ހިފަހައްޓާފައިވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ އިންޑިއާގެ ފަސެންޖަރެއްގެ އަތުން ކަމަށެވެ. އެމީހާގެ އަތުން 905,669.80 ރުފިޔާއަށް ވާ ބޭރު ފައިސާ ފެނިފައިވާ ކަމަށާއި، އެ ފައިސާތަކަކީ ކަސްޓަމަށް ޑިކްލެއާ ނުކޮށް ގަވާއިދާހިލާފަށް ބޭރުކުރަން އުޅުނު އެކި ގައުމުތަކުގެ ފައިސާކަމަށް ކަސްޓަމުން ބުންޏެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ސީރިއަލް ޕެކެޓު ތެރޭ ފޮރުވައިގެން ރާއްޖޭން ބޭރު ކުރަން އުޅުނު 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައެވެ. އެ ފައިސާ އަތުލައިގަތީ ބަންގްލަދޭޝަށް ފުރަން ދިޔަ ހަ ބަންގްލަދޭޝް ރައްޔިތުންގެ އަތުންނެވެ.

ފުލުހުން މީގެކުރިން ބުނި ގޮތުގައި، ހިފެހެއްޓި ފައިސާގެ ތެރޭގައި 174،161 އެމެރިކާ ޑޮލަރު، 56،760 ޔޫރޯ، 1،815 ސްޓާލިން ޕައުންޓް ހިމެނޭހެން ޖުމްލަ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، އޭގެ ޖުމްލަ އަގު ގާތްގަނޑަކަށް 3،861،415.29 ރުފިޔާއަށް އަރައެވެ.