ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ފްރާންސާއި ޖަރުމަނުން ކުޅުނު މެޗުތައްވެސް ކާމިޔާބުކޮށްފިއެވެ.
ފްރާންސުން ރޭ އަމިއްލަ ދަނޑުގައި އަޒަރްބައިޖާން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ކޮލިފިކޭޝަން ފުރަތަމަ ބުރުގެ ގްރޫޕް ޑީގައި ފްރާންސުން ކުޅުނު ތިން މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، ގްރޫޕްގެ އެއްވަނައިގައި އޮތީ ފުރިހަމަ ރެކޯޑަކާއެކުގައެވެ.
ޔުކްރެއިން އެ ގްރޫޕްގެ ދެވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެެވެ. އައިސްލޭންޑަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އަޒަރްބައިޖާނަށް ހޯދުނީ އެންމެ ޕޮއިންޓެކެވެ.
ކޮލިފިކޭޝަން ފުރަތަމަ މެޗުގައި ސްލޮވޭކިއާ އަތްދަށުވެ، ހާސްކަމާ ކުރިމަތިވި ޖަރުމަނުން ރޭ އަމިއްލަ ދަނޑުގައި 4-0 އިން ލަކްޒެމްބާގް ބަލިކުރި އިރު، އެޓީމު ވަނީ މިހާރު އެއްވަނައަށް ޖެހިލައިފައެވެ.
އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. އެހެންނަމަވެސް އަދިވެސް ޖަރުމަނަށް އޮތީ އުނދަގޫ މަގެކެވެ. އެއީ ދެވަނައިގައި އޮތް ނޮދަން އަޔަލެންޑާއި ތިންވަނައިގައި އޮތް ސްލޮވޭކިއާއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާތީއެވެ. ޕޮއިންޓެއް ނުލިބި، ގްރޫޕް އޭގައި އޮތީ ލަކްޒެމްބާގެވެ.
ޔޫއެފާ ކޮލިފިކޭޝަން ފުރަތަމަ ބުރުން ވޯލްޑް ކަޕަށް ދާނީ ގްރޫޕްގެ އެއްވަނަ ޓީމުތަކެވެ. ދެން ދެވަނަ ޓީމު ދާނީ ކޮލިފިކޭޝަން އަނެއް ބުރަށެވެ.
ފްރާންސުން ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ޑޮމިނޭޓްކޮށް ކުޅެމުން ގޮސް، ލީޑު ނެގީ ހާފު ނިމެން ދަނިކޮށެވެ. އެ ގޯލް ޖެހީ ކިލިއަން އެމްބާޕޭއެވެ. ހޫގޯ އެކިޓީކޭގެ ޕާހަކުން އެމްބާޕޭ ގޯލް ޖެހި އިރު، ދެވަނަ ހާފުގައި އެކިޓީކޭގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.
ފްރާންސުން ރޭ ކުޅުނީ ބެލޮންޑިއޯ ހޯދި އުސްމާން ޑެމްބެލޭއާއި އޭނާއާއެކު ޕީއެސްޖީއަށް ކުޅޭ ބްރެޑްލީ ބާކޯލާއާއި ޑިސައިރޭ ޑޫއޭވެސް ނުލައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅުނު ފްރާންސުން މެޗުގައި އިތުރު ދެ ގޯލް ޖެހި އިރު، އެ ގޯލުތައް ޖެހީ އެޑްރިއަން ރެބިއޯއާއި ފްލޯރިއަން ތައުވީންނެވެ. ތައުވީން ގޯލް ޖެހީ އޯވާހެޑަކުންނެވެ.
މެޗުގެ ފަހުކޮޅުގައި އެމްބާޕޭއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އަނިޔާގެ ތަފްސީލެއް އަދި ނޭނގެއެވެ.
ޖަރުމަނުން ކުޅުނު މެޗު އެޓީމަށް ފަސޭހަ މެޗަކަށްވެގެން ދިޔައީ 20 ވަނަ މިނެޓުގައި ލަކްޒެމްބާގުގެ ޑާކް ކާލްސަންއަށް ދެއްކި ރަތް ކާޑުންނެވެ. އޭގެ ކުރިން ޑޭވިޑް ރައުމްގެ ހިލޭ ޖެހަމުން ޖަރުމަނު ގޯލެއް ޖަހާފައިވާ އިރު، ރަތް ކާޑާއެކު ލިބުނު ޕެނަލްޓީގައި ޖޯޝުއާ ކިމިކް ވަނީ ދެވަނަ ގޯލެއް ޖަހައިފައެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި ޖަރުމަނުން އިތުރު ދެ ގޯލް ޖަހައި ތިން ޕޮއިންޓް ޔަގީންކުރިއެވެ. އެ ގޯލްތައް ޖެހީ ސާޖް ނަބެރީއާއި ކިމިކެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން