ޔޫރަޕްގެ ޕްލޭ އޮފް މެޗުތަކާއެކު ކުރިއަށް އޮތް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނު ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އުޅޭކަމުގެ އިޝާރާތެއް ކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީއަކީ މިފަހަކަށް އައިސް ފެނުނު އެންމެ މޮޅު އެއް ފޯވަޑެވެ. އަދި އެގައުމަށް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

ޕޮލެންޑަށް ކުރިއަށް އޮތް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ ޕްލޭ އޮފް ފައިނަލުގައި ސްވިޑެންއާ ދެކޮޅަށް ކުޅެ، 3-2 އިން ބަލިވެގެންނެވެ. އެ ހިތްދަތިކަމާއެކު ލެވަންޑޯސްކީ ވަނީ ސޯޝަލް މީޑިއަށް ހާއްސަ މެސެޖެއް ދޫކޮށްލައިފައެވެ.

ލެވަންޑޯސްކީ ކުރި ޕޯސްޓުގައި އޭނާ ދަނޑުން ފައިބައިގެން ދާ މަންޒަރު ފެންނަ އިރު، އެ ފޮޓޯއަށް ލަވައެއް ލާފައިވެއެވެ. އެއީ "ޓައިމް ޓު ސޭ ގުޑްބާއީ،" ކިޔާ ލަވައެކެވެ.

ކުރީގެ ކޯޗު މައިކަލް ޕްރޮބިއާޒާ ޖެހުނު މައްސަލައެއްގައި ލެވަންޑޯސްކީ ޓީމު ދޫކޮށްލާފައި ދިޔަ ނަމަވެސް، ކޯޗު ފޮނުވާލުމުން އަލުން އަނބުރާ ޓީމަށް ނުކުތީ އޮގަސްޓްގައެވެ. އެނބުރި އައުން އެންމެ ފުރިހަމައަށް ނިމިގެން ގޮސްފައި ނުވާ އިރު، ޕޯސްޓާ ގުޅޭ ގޮތުން ސުވާލުކުރުމުން ލެވަންޑޯސްކީ ބުނީ އަދި ސީދާ ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

މެޗަށްފަހު ލެވަންޑޯސްކީ ބުނީ ދެން އަނެއްކާވެސް ބާސެލޯނާއަށް އެނބުރި ގޮސް، ވިސްނާނެ ކަމަށާއި، ޕޮލެންޑުގެ ކުރިމަގަށް ގޮތެއް ނިންމަން އަދި އެންމެ ރަނގަޅު ވަގުތު ނުޖެހޭ ކަމަށެވެ.

ލެވަންޑޯސްކީއަކީ 2014 ވަނަ އަހަރުން ފެށިގެން ޕޮލެންޑްގެ ކެޕްޓަނެވެ. އޭނާ ވަނީ ގައުމީ ޓީމަށް 165 މެޗުން 89 ގޯލް ޖަހައިދީފައެވެ.