ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު ޖާގަތަކަށް ކުރަމުންދާ މަސައްކަތުގައި އިޓަލީ، ޗެކް ރިޕަބްލިކްގެ އިތުރުން ބޮސްނިއާއި ޑެންމާކް، ކޮސޯވޯގެ އިތުރުން ތުރުކީއާއި ސްވިޑެން އަދި ޕޮލެންޑް ވެސް ފައިނަލް ބުރަށް ދަތުރު ކޮށްފިއެވެ.
އިޓަލީއަކީ މީގެ ކުރިން ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓީމެއް ނަމަވެސް، އެޓީމަށް 2018 ގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް ކޮލިފައިވެވިފައެެއް ނުވެއެވެ. އެ ނާކާމިޔާބީއަށް ނިމުން ގެންނަން މިފަހަރުވެސް އިޓަލީއަށް ޕްލޭ އޮފް ކުޅެން ޖެހިފައިވާ އިރު، ޕްލޭ އޮފްގެ ސެމީ ފައިނަލް ބުރުގައި ރޭ ނުކުތީ ނޮދާން އަޔަލެންޑާ ދެކޮޅަށެވެ.
ރޭ އިޓަލީގައި ކުޅުނު ސެމީ މެޗު އެގައުމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި އިޓަލީގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. 56 ވަނަ މިނެޓުގައި އިޓަލީއަށް ލީޑު ނަގައިދިނީ ސާންޑްރޯ ޓޮނާލީއެވެ. އަރިމަތިން ނަގައިދިން ހުރަހަކުން އޭރިއާ ބޭރަށް ވެއްޓުނު ބޯޅަ، ޓޮނާލީ އަމާޒުކޮށްލީ ގޯލްގެ ތިރީ ކަނަށެވެ.
އާ ކޯޗު ޖެނަރޫ ގަޓޫސޯއާއެކު އިޓަލީން ވޯލްޑް ކަޕެއްގެ އުންމީދު އާކުރުމަށް ރޭގެ މެޗު ޔަގީންކުރީ ދެވަނަ ގޯލަކާވެސް އެކުގައެވެ. އެއީ 80 ވަނަ މިނެޓުގައި މޮއިސް ކީން ޖަހައިދިން ގޯލެކެވެ. ކީން، ޑިފެންޑަރު ކައިރިން ނައްޓާލާފައި ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ތިރީ ކަނަށެވެ.
އިޓަލީ ޕްލޭ އޮފްގެ ފައިނަލްގައި ވާދަކުރަން ޖެހޭނީ ރޭ ވޭލްސް ކައިރިން ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވި ބޮސްނިއާއާ ދެކޮޅަށެވެ. އެމެޗުގައި ޑެނިއަލް ޖޭމްސް ވޭލްސްއަށް ގޯލެއް ޖަހައިދީފައި ވަނިކޮށް، ބޮސްނިއާއަށް އެއްވަރުކޮށްދިނީ އެޑިން ޒެކޯއެވެ.
ޕެނަލްޓީގައި ބޮސްނިއާ މޮޅުވި އިރު، ދެން ހުރި ބްރެކެޓްތައްވެސް މިހާރު ހުރީ ފައިނަލާ ހަމައަށް ގޮސްފައެވެ. ތުރުކީން ރޮމޭނިއާ ކަޓުވާލައި ފައިނަލް ދިޔަ އިރު، ވާދަކުރަން ޖެހޭނީ ސްލޮވާކިއާ 4-3 އިން ބަލިކުރި ކޮސޯވޯއާއެވެ.
ޔުކްރެއިން ކަޓުވާލައި، ސްވިޑެން ފައިނަލް ދިޔަ އިރު، އެޓީމުން ނުކުންނާނީ އަލްބޭނިއާ އަތުން މޮޅުވި ޕޮލެންޑާ ދެކޮޅަށެވެ. ޑެންމާކުން ނޯތު މެސަޑޯނިއާ ކަޓުވާލި އިރު، އެޓީމާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ޗެކް ރިޕަބްލިކެވެ. ޗެކް ވަނީ ޕެނަލްޓީގައި އަޔަލޭންޑް ކަޓުވާލައިފައެވެ.
ވޯލްޑް ކަޕްގެ އިންޓަ ކޮންފެޑެރޭޝަން ސެމީ ފައިނަލްވެސް ރޭ ކުޅެފައިވާ އިރު، ސުރިނާމްގެ މައްޗަށް ބޮލީވިއާ ކުރިހޯދީ 2-1 އިންނެވެ. އަދި ނިއު ކަލެޑޯނިއާ ކައިރިން ޖެމެއިކާ ކުރި ހޯދުމާއެކު ފައިނަލް ގޮސްފައި ވަނީ އެ ދެޓީމެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން