ދުނިޔޭ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ޓެކްނިކަލް ޑެވަލޮޕްމެންޓް ކޮމިޓީގެ މެމްބަރަކަށް ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އައްޔަންކޮށްފިއެވެ.

ތޯރިގު އެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިއަހަރު ފެށިގެން 2029 ވަނަ އަހަރާ ދެމެދުގެ ދައުރަކަށެވެ. ތޯރިގު މަގާމަށް އައްޔަން ކޮށްފައި ވަނީ މިމަހުގެ ދެވަނަ ދުވަހު ބޭއްވި ފީފާގެ ކައުންސިލް ބައްދަލުވުމުގައެވެ. ތޯރިގު ވެގެން ގޮސްފައި ވަނީ ފީފާ ސްޓޭންޑިން ކޮމިޓީއެއްގެ މެމްބަރު ކަމަށް އައްޔަން ކުރެވުނު ފުރަތަމަ ދިވެހި ފަރާތަށެވެ.

އެފްއޭއެމްއިން ބުނީ ތޯރިގު އެ ކޮމިޓީއަށް އައްޔަން ކުރެވުމުން ދައްކުވައިދެނީ ރާއްޖެއިން ސަރަހައްދީ ފެންވަރުގައި ފުޓުބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތް ފީފާއިން ބަލައިގަންނަ ކަން ކަމަށެވެ.

ފީފާގެ ޓެކްނިކަލް ޑެވަލޮޕްމެންޓް ކޮމިޓީއަކީ ޒިންމާ ބޮޑު ކޮމިޓީއެކެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ކުރިއެރުވުމަށް ހާއްސަ ޕްރޮޖެކްޓްތައް ހިންގުމަށް އުސޫލުތައް ކަނޑައެޅުމާއި، ގްރާސް ރޫޓް ޕްރޮގްރާމްތައް ހިންގުމަށް ބާރު އެޅުމުގެ އިތުރުން ކޯޗުން ތަމްރީނުކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުންވެސް ހިމެނެއެވެ. އޭގެ އިތުރުން އިލްމީ ގޮތެއްގައި ފުޓުބޯޅައިން މީހުން ބިނާކުރުމުގެ އުސޫލުތައް ބެލެހެއްޓުމަކީވެސް އެ ކޮމިތީގެ ޒިންމާއެކެވެ.

މީގެ ކުރިންވެސް އެފްއޭއެމް ރައީސްކަން ކުރެއްވި ތޯރިގު، މިފަހަރު އާ ދައުރަށް އިންތިހާބުވެވަޑައިގެންފައި ވަނީ މިދިޔަ ޖުލައި މަހު ބޭއްވި އިންތިހާބުގައެވެ.

ތޯރިގަކީ ކުރީގެ މަގުބޫލު ފޯވަޑެކެވެ. އޭނާ ފުޓުބޯޅަ ހިންގުމުގައި އަނެއްކާވެސް ހަރަކާތްތެރިވަމުން އަންނަ އިރު، މިހާތަނަށް އެފްއޭއެމްގައި ތޯރިގު ކުރައްވާފައިވާ މަސައްކަތަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ތައުރީފް ކުރައްވައިފައެވެ.

ތޯރިގަކީ މިހާރުވެސް ރައްޔިތުން މަޖިލިސް މަހިބަދޫ ދާއިރާގެ މެމްބަރުވެސް މެއެވެ.