އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލި ޒުވާނަކު މަސްތުވާތަކެއްޗާއެކު އަލުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި އަށް މީހުންގެ ތެރެއިން، ޖަވާހިރުމާގެ، ނ. ވެލިދޫ، މުހައްމަދު ހަލަފް އިބްރާހިމް ދޫކޮށްލާފައިވަނީ، އޭނާއަކީ ކޮލެޖު ނިންމާފައިވާ ގެއަށް ދިއުމުގެ މަގުމަތީގައި އެ ސަރަހައްދުގައި ތާށިވި މީހެއް ކަމަށް ބުނުމުންނެވެ.

ފުލުހުން އަލުން އޭނާ ހައްޔަރުކޮށްފައިވަނީ، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނުތަކާއެކު، މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ. އޭނާއާއެކު އެ އެޕާޓްމަންޓުން އިތުރު ތިން މީހަކު ވެސް ހައްޔަރުކުރިއެވެ.

މައްސަލައިގައި ހައްޔަރުކުރި މީހުން:

  • މުހައްމަދު ހަލަފް އިބްރާހިމް، ޖަވާހިރުމާގެ، ނ. ވެލިދޫ
  • ހަސަން ނައީމް، ޑޭޒީމާގެ، ނ. ވެލިދޫ
  • އަހުމަދު މައިޝާން ނަސީމް، ރެޑިޔަމްވިލާ، ނ. ވެލިދޫ
  • އިބްރާހިމް ރިޔާޝް، ލިލީ، ނ. ކުޑަފަރި

އެ ހަތަރު މީހުންގެ ބަންދު މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން، 15 ދުވަހަށް އެ އެންމެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައިވާ ގޮތުން، އެމީހުންނާއެކު ހަލަފް ހައްޔަރުކުރި އެޕާޓްމަންޓަކީ އާންމު ދިރިއުޅުމަށް ބޭނުންކުރާ ގޮތަށް ހުރި ތަނެއް ނޫން ކަމަށާއި މަސްތުވާތަކެތި ކުދިކޮށް ބަންދުކުރުމުގެ މަސައްކަތްކުރުމަށް ތައްޔާރުކޮށްފައިވާ ތަނެއް ކަމަށް ފުލުހުންގެ އިންވެސްޓިގޭޓިން އޮފިސަރު (އައިއޯ) ފާހަގަކުރި ކަމަށެވެ.

އެ މައްސަލައިގައި ހަލަފް ބުނީ އެ އެޕާޓްމަންޓަކީ އޭނާ ދިރިއުޅޭ ތަނެއް ނޫން ކަމަށާއި އޭނާ އެތަނުގައި އުޅުނީ މީގެ ތިން މަސް ކުރިން ކަމަށެވެ. އަދި ހަމައެކަނި އެތަނުގެ ތަޅުދަނޑިއެއް އޭނާގެ އަތުގައި އޮތުން ފިޔަވައި އިތުރު ގުޅުމެއް ނެތް ކަމަށް އޭނާ ފާހަގަކުރި ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މައިޝާން ބުނީ އެ އެޕާޓްމަންޓަކީ އޭނާ ދިރިއުޅޭ ތަނެއް ނޫން ކަމަށާއި މީގެ ދެ މަހެއްހާ ދުވަސް ކުރިން އެތަން ކުއްޔަށް ނެގުމަށްފަހު ހަފުތާއެއްހާ ދުވަހު އުޅެފައި، ވަޒީފާ އަދާކުރަން އައްޑޫއަށް ދާން ޖެހިގެން، އެތަން ހަލަފްއާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި އެކަން ކުއްޔަށް ދިން ފަރާތަށް އެނގޭނެކަން ފާހަގަކޮށްފައިވާ އިރު، އޭނާ މާލެ އައީ މީގެ ދެ ދުވަސްކުރިންކަން މައިޝާން ފާހަގަކުރި ކަމަށް އަމުރުގައި ބުނެފައިވެއެވެެ.