ވިލިމާލޭގެ އެޕާޓްމަންޓަކުން މިދިޔަ މަހު މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ފިލްމީ ތިން ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ) އާއި މުހައްމަދު ވިޝާލް (ރޯމަން) އަދި އިސްމާއިލް ޖުމައިހް މަސްތުވާތަކެތި ބޭނުންކުރިކަމަށް އިއުތިރާފުވެއްޖެއެވެ.

މި މައްސަލައިގައި އަޒްމީލާއި ވިޝާލްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައި، މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ދެ މީހުން ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އެގޮތުން އަޒްމީލްގެ މައްޗަށް ކޮށްފައިވަނީ ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާއެވެ. އަދި ވިޝާލްގެ މައްޗަށް ކުރީ ކެނަބިސް ބޭނުންކުރުމުގެ ދައުވާއެވެ.

ޝަރީއަތުގެ މަޖިލީހުގައި މި ދެ މީހުން ކުށަށް އިއުތިރާފްވުމާ ގުޅިގެން، ފަރުވާގެ ޕްރޮގްރާމަކަށް ފުރުސަތު ދިނުމުގެ ގޮތުން މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށްޓަކައި، ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ދައުވާތައް އަނބުރާ ގެންދިއުމަށް ދައުލަތުން މިއަދު ވަނީ ކޯޓުގައި އެދިފައެވެ.

މި މައްސަލާގައި ހިމެނޭ ޖުމައިހް ވެސް ވަނީ ފުލުހުންގެ ތަހުގީގުގައި ކުށަށް އިއުތިރާފްވެފައެވެ. އޭނާއަކީ މީގެ ކުރިން މަސްތުވާތަކެތީގެ އެއްވެސް ކުށެއްގެ ރެކޯޑެއް އޮތް މީހަކަށް ނުވާތީ، ދައުލަތުން ނިންމާފައިވަނީ އޭނާއާ އެކު ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވައިލުމަށެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ އަށްވަނަ ދުވަހު ވިލިމާލެއިން މި ތިން ތަރިން ހައްޔަރުކުރީ އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދާ އެކުގައެވެ. މި އެންމެންގެ މައްޗަށް ދައުވާކުރުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 22 ގައެވެ. އެއަށްފަހު އެ މީހުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.

އެ މީހުން ތިބި ތަނުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ވިޔަފާރި ނުވަތަ ޓްރެފިކިންގެ މިންގަނޑަށް ފެތޭކަމަށް ފުލުހުން ކުރިން ހާމަކުރި ނަމަވެސް، ދައުލަތުން އެ މީހުންގެ މައްޗަށް ޓްރެފިކް ކުރުމުގެ އެއްވެސް ދައުވާއެއް އުފުލާފައެއްނުވެއެވެ.