އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ލިވަޕޫލް ބަލިކުރި އިރު، މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލުން ކުޅުނު މެޗުތަކުންވެސް މޮޅުވެއްޖެއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑުން ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވި އިރު، އާސެނަލް ވެސްޓް ހޭމް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުތަކަށްފަހު ތާވަލަށް ބަލާ އިރު، އާސެނަލް އެއްވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ލިވަޕޫލް، ހަތް މެޗުން 15 ޕޮއިންޓާއެކު އޮތް އިރު، ޗެލްސީ މިވަގުތު އޮތީ ހަވަނައިގައެވެ. އެއީ ހަތް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ނުވަ ވަނައިގައި އޮތް ޔުނައިޓެޑަށް ހަތް މެޗުން ހޯދުނީ 10 ޕޮއިންޓެވެ.

އާސެނަލުން މިދިޔަ ތިން އަހަރު ތެރޭ ލީގުގައި ފުރަތަމަ ފަހަރަށް ވެސްޓް ހޭމް ބަލިކުރި މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ލީޑުނަގައިދިނީ ކުރިން ވެސްޓް ހޭމަށް ކުޅުނު ޑެކްލަން ރައިސްއެވެ.

ރޭގެ މެޗަކީ މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅުނު 300 ވަނަ މެޗެވެ. މެދުތެރެއިން ރައިސް ތަންކޮޅެއް ބޮޑަށް ކުރިއަށް ޖައްސައިގެން ކުޅުނު މެޗުގެ ބޮޑު ބައެއްގައި އާސެނަލުން ޑޮމިނޭޓް ކޮށް ކުޅެފައިވާ އިރު، މޮޅު ޔަގީންކުރީ ދެވަނަ ހާފުގައި ބުކަޔޯ ސަކާ ޖެހި ގޯލުންނެވެ.

އެއީ ޖޫރިއެން ޓިމްބާއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެއްގައި އާސެނަލް ޖެހި ގޯލެކެވެ. ސަކާ ޖެހި ގޯލަކީ އޭނާ ކްލަބަށް ކާމިޔާބުކޮށްދިން 200 ވަނަ ގޯލެވެ.

ޗެލްސީން ލިވަޕޫލް ބަލިކުރި މެޗުގެ ފުރަތަމަ ހާފުގައި މޮއިސަސް ކައިސޭޑޯ، އެޓީމަށް ލީޑު ނަގައިދިނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އެ ގޯލާއެކު ޗެލްސީން މެޗު ކޮންޓްރޯލް ކުރަމުން ދަނިކޮށް، 62 ވަނަ މިނެޓުގައި ލިވަޕޫލުން އެއްވަރުކުރިއެވެ. ޑޮމިނިކް ޒޮބޮސްލާއީ ނަގައިދިން ހުރަހެއްގައި އެލެކްސެންޑާ އިސާކް ޖައްސާލި ބޯޅައަށް ޗެލްސީ ކީޕަރު ރޮބަޓް ސަންޗޭޒް މަސައްކަތް ކުރި ނަމަވެސް، އެތަނުން ކޯޑީ ގަކްޕޯ ވަނީ ބޯޅަ ހޯދައި، ގޯލަށް ފޮނުވާލައިފައެވެ.

މެޗުގެ ފަހުކޮޅަށް ގޮސް ޗެލްސީން ބޮޑަށް ނުރައްކާކުރި އިރު، ލިވަޕޫލްގެ ގޯލް ބެލެެހެއްޓި ޖިއޯޖީ މާމަޑޭޝްވިލް ވަނީ އެސްޓެވާއޯ ވިލިއަމްސްއާއި ޖޭމީ ގިޓަންސް ޖެހި ބޯޅަތައް ސޭވް ކޮށްފައެވެ. އަދި އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

ޗެލްސީގެ މޮޅުވި ގޯލް، ފަހު މިނެޓުގައި ޖެހީ އެސްޓެވާއޯއެވެ. އެއީ މާކް ކުކުރޭޔާގެ ހުރަހަކުންނެވެ.

ހާލަތު ދެރަކޮށް އޮތް ޔުނައިޓެޑުން ރޭ ހޯދި މުހިއްމު މޮޅުގައި އެޓީމުގެ ގޯލްތައް ޖަހައިދިނީ ބެންޖަމިން ސެސްކޯއާއި މޭސަން މައުންޓެވެ.