ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީން ރޭ ބާސެލޯނާ ބަލިކުރި އިރު، މެންޗެސްޓާ ސިޓީއާއި މޮނާކޯ ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

ބާސާއިން ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީން ލީގު ބުރުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާ އިރު، ރޭގެ މެޗު ވެގެން ދިޔައީ ވާދަވެރި މެޗަކަށެވެ.

ބާސާއިން ވަރުގަދަކޮށް މެޗު ފަށާފައިވާ އިރު، 14 ވަނަ މިނެޓުގައި ހުސް ފުރުސަތެއްވެސް ހޯދިއެވެ. ލަމީން ޔަމާލް ދުއްވާލި ހިތްގައިމު ޕާހެއްގައި ފެރާން ޓޮރޭސް ޕީއެސްޖީ ކީޕަރުވެސް ނައްޓާލާފައި ބޯޅަ ފޮނުވާލި ނަމވެސް، ރޮނގުމަތިން ކަހަލަ ގޮތަކަށް އިލިއާ ޒަބަރްނިޔީ ވަނީ އެ ބޯޅަ މަތަކޮށްފައެވެ.

އޭގެ ފަސް މިނެޓް ފަހުން ޓޮރޭސް ވަނީ ބާސާއަށް ލީޑުވެސް ނަގައިދީފައެވެ. އޭރިއާ ތެރެއަށް މާކަސް ރަޝްފޯޑު ދުއްވާލި ޕާސް އޭނާ ގޯލަށް ނިންމާލީ މާ ބޮޑު އުނދަގުލެއް ނެތިއެވެ.

އެ ގޯލަށްފަހު ޕީއެސްޖީން ބޮޑަށް ނުރައްކާކުރި އިރު، އަޝްރަފް ހަކީމީގެ ހިލޭ ޖެހުން މަތަކުރީ ބާސާގެ ކީޕަރު ވޯޝެކް ޝެޒްނީއެވެ. އެ ހަމަލާއަށް މާގިނައިރެއް ނުވެ ޕީއެސްޖީން ނަތީޖާ ހަމަހަމަ ކުރީ ސެނީ މަޔޫލޫ ޖެހި ގޯލުންނެވެ.

ޕީއެސްޖީން ދެވަނަ ހާފު ފެށީ ވަރުގަދަކޮށް ނަމަވެސް ފުރަތަމަ ފުރުސަތު ލިބުނީ ބާސާއަށެވެ. ޑެނީ އޮލްމޯ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ރަނގަޅު ބްލޮކަކާއެކު މަތަކުރީ ހަކީމީއެވެ.

މެޗުގެ ފަހުކޮޅަށް ދިޔައިރު ޕީއެސްޖީން ބަދަލުތަކާއެކު ނުރައްކާ ކުރަމުން ދިޔަ އިރު، 90 ވަނަ މިނެޓުގައި ދެވަނަ ގޯލު ޖަހައި މެޗުން މޮޅުކޮށްދިނީ ގޮންސާލޯ ރާމޯސްއެވެ.

ސިޓީން ރޭ ކުޅުނު މެޗުގައި 2-2 އިން ރަށުން ބޭރުގައި އެއްވަރުވީވެސް ފަހު މިނެޓުގައި ކޮޅަށް ގޯލެއް ވަދެގެންނެވެ.

އާލިން ހާލަންޑްގެ ގޯލަކުން ސިޓީން 15 ވަނަ މިނެޓުގައި ލީޑު ނެގި ނަމަވެސް، ޖޯޑަން ޓެޒޭ ވަނީ 18 ވަނަ މިނެޓުގައި މެޗު އެއްވަރު ކޮށްފައެވެ. އެ ގޯލާއެކު އެއްވަރުވެގެން ހާފު ނިމެން ދަނިކޮށް، ހާލަންޑް ވަނީ އިތުރު ގޯލެއް ޖަހައި ސިޓީއަށް ލީޑު ނަގައިދީފައެވެ.

މޮނާކޯއިން މެޗު އެއްވަރުކުރީ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކުރިން ޓޮޓެންހަމްއަށް ކުޅުނު އެރިކް ޑަޔާއެވެ.