ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.

މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ ނިއުއިން މިއަދު ހަވީރު ވެލެންސިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ކުޅުނު ތިން މެޗުންވެސް ނިއު މޮޅުވެފައި ވަނީ ކޮޅަށް ގޯލެއްވެސް ނުވައްދައެވެ.

މިވަގުތު ލީގުގެ އެއް ވަަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެވަނައިގައި އޮތް ނިއުއަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓާއި ފައިދާ 10 ގޯލު ލިބިފައެވެ. ދެޓީމުގެ ފަރަގަކީ ޖެހި ގޯލުގެ ފަރަގެވެ. މިވަގުތު ތިންވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުންވެސް ކުޅުނު ދެމެޗުން މޮޅުވެފައިވާ އިރު، މާދަމާ ރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އެޓީމަށް އެއްވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓުގައި ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިތަން ފެނިފައި ނުވާ އިރު، ބޮޑަށް ނުރައްކާކުރީ ނިއުއެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ބްރެޒިލްގެ މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާގެ ހަމަލާތައް ފެނުނު ނަމަވެސް، ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފުގައި ވެލެންސިއާއިންވެސް ނުރައްކާ ކުރުމަށް މަސައްކަތް ކޮށް، ރަނގަޅު ކުޅުމެއް ކުޅެފައިވާ އިރު، އެޓީމަށްވެސް ދިޔައީ ރަނގަޅު ހަމަލާއެއް ގޯލާ އަމާޒުކޮށް ނުލެވިއެވެ.

30 ސެޕްޓެމްބަރު 2025، މާލެ، ސެންޓޭ ބޯޅަ ފޮނުވައިލަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ދެވަނަ ހާފުގައި ނިއުއިން އިތުރަށް ކުރިއަށް ޖެހި ހަމަލާތަކަށް މަސައްކަތް ކުރުމުގެ ނަތީޖާއެއް ގޮތުން، 60 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. ޑަ ސިލްވާ ނަގައިދިން ހުރަސް އޭރިއާ ތެރެއަށް ވެއްޓުނީ ވެލެންސިއާގެ އަހުމަދު އަތުވާން އަލީ ބޮލުގައި ޖެހިފައެވެ. އެ ދަނޑިވަޅުގައި ބޯޅަ ގޯލަށް ވައްދާލީ ރަނގަޅު ފޯމެއްގައި ހުރި ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.

ދެވަނަ ގޯލަކަށް ނިއުއިން ނުރައްކާ ކުރަމުން ގޮސް، އެގޯލުވެސް ޖެހީ ސެންޓޭއެވެ. މެޗުގެ 83 ވަނަ މިނެޓުގައި ސެންޓޭ ޖެހި ޝޮޓެއް ބްލޮކްކުރަން ވެލެންސިއާގެ މިސްރު ޑިފެންޑަރު، މޫސާ ބަސަލް މުހައްމަދު ކުރި މަސައްކަތުގައި، އޭނާ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީގައި ސެންޓޭ ގޯލު ޖެހީ ޕެނަންކާ ޕެނަލްޓީއެއްގައެވެ.