ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބުރު ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ބުރުން ޓީސީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ބުރުން އުނދަގޫކޮށް ސީޒަން ފެށި ނަމަވެސް، އެޓީމުން މިވަނީ އެންމެފަހުން ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ. އެއާއެކު ބުރުން ވަނީ ހަތް މެޗުން ނުވަ ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައަށް ޖެހިލައިފައެވެ. ޓީސީ މިވަގުތު އޮތީ އަށްވަނައިގައެވެ. އެއީ އަށް މެޗުން ހަ ޕޮއިންޓާއެކުގައެވެ.
ފުރަތަމަ ކޮޅުގައި ބުރުގެ ހަމަލާއެއް ފެނުނު ނަމަވެސް، 10 ވަނަ މިނެޓުގައި ލީޑު ނެގީ ޓީސީންނެވެ. އަރިމަތިން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، މަހްމޫދު އަޝްރަފް މަހްމޫދު މުސްތަފާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ތެރެއަށެވެ. އެ ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ.
އޭގެ ތިން މިނެޓް ފަހުން ބުރުން މެޗު އެއްވަރުކުރިއެވެ. އެއީ ލިބުނު ހިލޭ ޖެހުމެއްގައި އަބްދުﷲ ޔާމީން (ޔާނު) ތިރިތިރިން ފޮނުވާލި ބޯޅަ ކީޕަރު ޝައިހާން އަލީ އަތުގައި ޖެހިފައި ނުކުތުމުން ޝަމްވީލް މުހައްމަދު ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ބުރުން ޖެހި ގޯލެކެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ޓީސީއަށް ލިބުނު ޕެނަލްޓީއެއް މަހްމޫދު އަތުން ނާކާމިޔާބުވި އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުން ދެ ގޯލް ޖެހިއެވެ. ޔާނު 29 ވަނަ މިނެޓުގައި އޭނާގެ ގޯލް ޖެހީ އޭރިއާ ތެރެއިން ހަނި ކަނުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އަދި އަރީން އަބްދުﷲ އިބްރާހީމް ވަނީ ހާފު ނިމެން ދަނިކޮށް އިތުރު ގޯލެއް ޖަހައިފައެވެ.
ދެވަނަ ހާފުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު، މެޗު ނިމިގެން ދިޔައީ ބުރަށް މުހިއްމު މޮޅަކާއެކުގައެެވެ.
ކޮމެންޓް