ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބިސް ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ބިސް ބުރުން ނިއު ރޭޑިއަންޓް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށް ނުކުތް އިރު ބިސް ބުރުން އޮތީ ތިންވަނައިގައެވެ. އެހެން ނަމަވެސް މިހާރު ތިންވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ހަތް މެޗުން 14 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ތިންވަނައަށް ޖެހިލާފައިވާ އިރު، ބިސް ބުރު އޮތީ ފަސްވަނައިގައެވެ. އެއީ އަށް މެޗުން 12 ޕޮއިންޓާއެކުގައެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބުން މިވަގުތު ތާވަލުގެ އެއްވަނައިގައި ހަތް މެޗުން 19 ޕޮއިންޓާއެކު އޮތް އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެވަނައިގައިއޮތީ ހަތް މެޗުން 16 ޕޮއިންޓާއެކުގައެވެ.

މިއަދު ހަވީރު ކުޅުުނު މެޗުގެ އަށްވަނަ މިނިޓްގައި ނިއުއިން ލީޑުނެގިއެވެ. އެއީ ބްރެޒިލްގެ މިޑްފީލްޑަރު ގޯމޭސް ޑަ ސިލްވާ ނެގި ބޯޅައަކުން ލައިބީރިއާގެ މިޑްފީލްޑަރު، ޔާޔާ ބިލިޓީ ބޮލުން ޖެހި ގޯލަކުންނެވެ.

އެހެން ނަމަވެސް، ނިއުއަށް ލީޑުގައި އޮވެވުނީ ކުޑައިރުކޮޅަކުއެވެ. މެޗުގެ 10 ވަނަ މިނިޓުގައި، ނިއުގެ އޭރިއާތެރެއިން އެޓީމުގެ ކުޅުންތެރިންނަށް ގެއްލުނު ބޯޅައެއް ހޯދައި، ބިސް ބުރުގެ ކެޕްޓަން މަޖުދާން ސޯލިހު ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

މެޗުގެ 19 ވަނަ މިނިޓްގައި ނިއުއިން ދެވަނަ ފަހަރަށް ލީޑުނެގިއެވެ. ޑަ ސިލްވާ ދިން ބޯޅައަކުން އެ ގޯލް ޖެހީ ނިއުުގެ ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ)އެވެ.

ނިއު އިން ލީޑުފުޅާކުރީވެސް ޑޯރީ ޖެހި ގޯލަކުންނެވެ. މެޗުގެ 24 ވަނަ މިނިޓުގައި ނިއުގެ އީތަން އިބްރާހިމް ޒަކީ ނެގި ހުރަހަކުން ޑޯރީ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.

ދެވަނަ ހާފުގައި ނިއުގެ ޑޯރީ، އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއެވެ. އަދި މެޗުގެ 78 ވަނަ މިނިޓްގައި ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ޝޮޓެއް ކީޕަރު ސަރްކޯޑީ ވަނީ މަތަކޮށްފައެވެ.

އޭގެ މިނިޓެއް ފަހުން، ޑޯރީ ވަނީ ނިއުގެ ހަތަރު.ވަނަ ގޯލް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެެވެ. އެގޯލް ޖަހަން ފުރުސަތު ތަނަަވަސްކޮށްދިނީ ދަގަނޑޭއެވެ.

ބިސް ބުރުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ ފަހުކޮޅުގައި އެޓީމުގެ، އުލޫފް އަހުމަދުއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ.