ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކުން ކުޅުނު މެޗުގައި ރަށުން ބޭރުގައި ސައޕްރަސްގެ ޕަފޯސް ބަލިކުރި އިރު، އެންޓޮއިން ގްރީޒްމަން އެތުލެޓިކޯ މެޑްރިޑަށް ޖަހައިދިން 200 ވަނަ ގޯލާއެކު އެޓީމުން ފްރޭންކްފާޓް ބަލިކޮށްފިއެވެ.
ބަޔާނުން މިހާތަނަށް މި ސީޒަނުގައި ތަފާތު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، ރޭ ޕާފޯސް ކައިރިންވެސް މޮޅުވީ ފަސޭހަކޮށެވެ. އެއީ 5-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އިންގްލެންޑް ކެޕްޓަން ހެރީ ކޭންގެ ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، އުމުރުން 32 އަހަރުގެ ފޯވަޑް މިހާތަނަށް ބަޔާނަށް ކުޅުނު 105 މެޗުގައި 102 ގޯލް ޖަހާފައިވެއެވެ.
ކޭން، 2023 ވަނަ އަހަރު ބަޔާނާ ގުޅުނުފަހުން އާދަޔާހިލާފު ރެކޯޑެއް ދަމަޖައްޓަމުން އަންނަ އިރު، މިހާތަނަށް މި ސީޒަނުގައިވެސް 17 ގޯލް ޖަހާފައިވެއެވެ. އަދި އެންމެފަހުން ކުޅުނު ފަސް މެޗުގައި އޭނާ ވަނީ 11 ގޯލް ޖަހާފައެވެ.
ބަޔާނުން ފުރަތަމަ ހާފުގައިވެސް ހަތަރު ގޯލް ޖެހި އިރު، ކޭންގެ ދެގޯލުގެ އިތުރުން ދެން އެޓީމުގެ ގޯލުތައް ޖަހައިދިނީ ރަފޭލް ގޮރޭރޯއާއި މި ސީޒަނަށް އެ ކްލަބަށް ބަދަލުވި ނިކޮލަސް ޖެކްސަންއެވެ. ދެވަނަ ހާފުގައި ބަޔާންގެ ފަސްވަނަ ގޯލް ޖެހީ މައިކަލް އޮލީސޭއެވެ.
ޕާފޯސްގެ ހަމައެކަނި ގޯލު ޖެހީ މިސްލާވް އޮރްސިޗެވެ.
އެތުލެޓިކޯއިން ރޭ އަމިއްލަ ދަނޑުގައި 5-1 އިން ފްރޭންކްފާޓް ބަލިކުރި އިރު، މެޗު ހާއްސަވީ އެންޓޮއިން ގްރީޒްމަންއަށެވެ. މީގެ ކުރިން 2014 އިން 2019 އަށް އެ ކްލަބަށް ކުޅުމަށްފަހު ދެ ސީޒަނެއްގައި ބާސެލޯނާއަށްވެސް ކުޅުނު ގްރީޒްމަން، މީގެ ތިން ސީޒަން ކުރިން އަނެއްކާވެސް ރަސްމީކޮށް އެތުލެޓިކޯއަށް ބަދަލުވެ، މިހާތަނަށް 100 އެއްހާ މެޗު ވަނީ ކުޅެފައެވެ.
ކުރިންވެސް އެތުލެޓިކޯއަށް 94 ގޯލް ޖަހައިދީފައިވާ ގްރީޒްމަން ރޭގެ މެޗުގައި ގޯލު ޖަހައި، އެ ކްލަބަށް 200 ގޯލު ހަމަކުރިއެވެ. އޭނާ އުފާފާޅުކުރީ 200 ޖަހާފައިވާ ހާއްސަ ޖާޒީއަކާވެސް އެކުގައެވެ.
އެތުލެޓިކޯއަށް ރޭގެ މެޗުގައި އިތުރު ގޯލުތައް ޖަހައިދިނީ ޖުއަކޯމޯ ރަސްޕަޑޯރީއާއި ޖޫލިއަން އަލްވަރޭޒް، ރޮބިން ލެ ނޯމަންޑް އަދި ޖިއުލިއާނޯ ސިމިއޯނީއެވެ.
ފްރޭންކްފާޓްގެ ގޯލު ޖެހީ ޖޮނަތަން ބާކާޓެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު