މެދުކެނޑުމަކަށްފަހު ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފެށުމަށް ރޭ ކުޅުނު ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބޮޑު ތަފާތަކުން ކްލަބު އީގަލްސް ބަލިކޮށްފިއެވެ.
ރާއްޖޭގެ ފުޓުބޯޅަ އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިމާވި ހާލަތްތަކާއެކު ފުރަތަމަ ޑިވިޝަން މެދުކެނޑުނުތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ރޭ ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށީ އޭގެ ކުރިން ޗެރިޓީ ޝީލްޑް މެޗެއްވެސް ކުޅެފައި އޮވެގެންނެވެ.
ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު، އެންމެފަހުން ހަތަރު ފަހަރުވެސް ލީގު ހޯދި މާޒިޔާއިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން ޗެރިޓީ ޝީލްޑް މެޗުގައިވެސް މާޒިޔާއިން ކްލަބު އީގަލްސް ބަލިކޮށްފައިވާ އިރު، އެ މެޗުގައި މާޒިޔާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) އޭނާގެ ފުރަތަމަ ގޯލު ޖެހި އިރު، މާޒިޔާގެ ދެވަނަ ގޯލަކީ އީގަލްސް ފަހަތުން ހެދި ގޯހެއްގައި އަބްދުﷲ ސަމީހު މޫސާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އޭގެފަހުން ފުރަތަމަ ހާފުގައި ދާދުގެ އިތުރު ދެ ގޯލާއެކު އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އިރު، އީގަލްސްއިން ޖެހި ހަމައެކަނި ގޯލު ޖެހީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
ދާދު ދެވަނަ ހާފުގައި އިތުރު ގޯލެއް ޖަހައި މާޒިޔާގެ ލީޑު އިތުރަށް ފުޅާކުރި އިރު، މާޒިޔާއިން ނިންމާލީ ބޮޑު ލީޑެއް ދަމަހައްޓައިގެންނެވެ.
ލީގުގެ މެޗުތައް މިއަދާއި މިރޭގެ އިތުރުން އަނެއް ދުވަހާއި އަނެއް ދުވަހުގެ ރޭވެސް ކުރިއަށް ދާނެއެވެ. މިއަދު ހަވީރު 4:00 ގައި އޮންނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިރޭ އޮންނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބު ނުކުންނާނީ ވިކްޓްރީއާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު