ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި އޭނާގެ ލީޑާޝިޕްގެ މަސައްކަތްތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތައުރީފުކުރައްވައިފިއެވެ.

އިންފަންޓީނޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްއޭއެމްގެ ރައީސް ތޯރިގާ ބައްދަލުވުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށާއި، ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުމަގުން ތޯރިގުގެ ޓީމުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެއްވާ ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވީ، ތޯރިގާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޮޕްމަންޓް ޕްލޭންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވި، ރާއްޖޭގެ ރައްޔިތުންނަށް ފުޓްބޯޅައިގެ ކުރިމަގު ރަނގަޅު ކުރުމަށް ވާހަކަ ދެކެވުނު ކަމަށެވެ.

"ކުރީގެ ކުޅުންތެރިޔާ ތޯރިގުގެ ތަޖުރިބާއާއެކު މިހާތަނަށް ކޮށްފައި ވަނީ ވަރަށް ޑެޑިކޭޓެޑް މަސައްކަތެއްް. ހަތް އަހަރު ތެރޭ ފުރަަތަމަ ތަށި، ސައުތު އޭޝިއަން ސުޕަ ކަޕްގައި މިދިޔަ ހަފްތާގައި ހޯދުމާއި އަންހެން ފުޓްބޯޅަ އަލުން ކުރިއެރުވުމަށް މި އަހަރު ފަހުކޮޅު މުބާރާތެއް ރޭވިފައި އޮތުމަކީ ކުރިއެރުމެއް،" އިންފަންޓީނޯ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ތޯރިގާއެކު ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ރާއްޖޭގެ ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކަށް، ވީ އެންމެ ގާތުން ހިދުމަތް ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވުނު ކަމަށެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެފްއޭއެމް ނޯމަލައިޒޭޝަނަށް ގެންނަން އެފަހަރު ފީފާއިން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓްގައެވެ. އޭގެފަހުން ނޯމަލައިޒޭޝަން މަރުހަލާ ނިމި، އާ ރައީސަކަށް ތޯރިގު އިންތިހާބުވެވަޑައިގަތީ މިއަހަރު ޖުލައިގައެވެ.

އެ އިންތިހާބަށްފަހު މިހާތަނަށް ތޯރިގު ވަނީ އެފްއޭއެމްގެ މަސައްކަތްތައް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދަވާފައެވެ. އެގޮތުން ހުއްޓިފައި އޮތް ލީގުވެސް ފަށަން މިހާރު އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ. އެކަމަށްޓަކައި ޗެރިޓީ ޝީލްޑް މެޗު މިހާރު ކުޅެފައިވެސް ވެއެވެ.