ރޭ ކުޅުނު އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި ކްލަބު އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހަވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.
މާޒިޔާއަކީ މިހާތަނަށް އެންމެ ގިނަ ފަހަރަށް އެފްއޭއެމް ޗެރިޓީ ޝީލްޑް އުފުލާލާފައިވާ ޓީމެވެ. އެޓީމު ވަނީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު ޝީލްޑް އުފުލާލައިފައެވެ. ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން ޝީލްޑް އުފުލާލީ 2-0 އިން ކްލަބު އީގަލްސް ބަލިކޮށްގެންނެވެ.
ރޭގެ ޗެރިޓީ ޝީލްޑް މެޗަކީ 2023 ވަނަ އަހަރު ޝީލްޑް މެޗަށްފަހު ކުޅުނު ފުރަތަމަ ސީޒަން ހުޅުވާ މެޗެވެ. އެއަހަރުގެ ސީޒަނަށްފަހު ރާއްޖޭގެ ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަން ކުޅެފައެއް ނުވެއެވެ. އެފްއޭއެމްގެ ހާލަތު ގޯހުން ގޯހަށް ގޮސް، ލީގު ފުޓުބޯޅަ ނުފެށި ދޮޅު އަހަރެއްހާ ދުވަސްވެގެން ގޮސްފައިވާ އިރު، އެ ދުވަސްތަކުގެ ތެރޭގައި ތަކުރާރުކޮށް ސީޒަން ފަށަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
އެ ހާލަތުން އަރައިގަނެ، ލީގު ފެށުމަށް އެފްއޭއެމްއިން މިހާރު ތައްޔާރުވެފައި ވަނީ އާ އެކްސްކޯގެ މަސައްކަތުންނެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް މަސައްކަތް ކޮށްފައިވާ އިރު، ހާފު ނިމެން ދަނިކޮށް މާޒިޔާއިން ލީޑު ނެގިއެވެ. އަހުމަދު އައިހަމް (ފަތޯ) އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކުޅުންތެރިޔަކު ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.
ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ)، އަނިޔާގެ ސަބަބުން ކުޅެފައި ނުވި ނަމަވެސް، ދެވަނަ ހާފުގައި އީގަލްސްއިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް މާޒިޔާއިން ވަނީ ހުއްޓުވާފައެވެ. އީގަލްސްއިން އެއްވަރު ކުރެވޭތޯ ކުރި މަސައްކަތް އެޓީމަށް ކާމިޔާބު ނުވެގެން އުޅެނިކޮށް، މާޒިޔާއިން ދެވަނަ ގޯލު ޖެހީ 66 ވަނަ މިނިޓުގައެވެ.
އެ ގޯލު، ފަތޯގެ ޕާހަކުން ޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. ފަތޯގެ ހުރަސް ދާދު ގޯލަށް ފޮނުވާލީ އޭރިއާ ތެރެއަށް ރަނގަޅު ވަގުތު އަރައިގެންނެވެ.
ރޭގެ މެޗަށްފަހު ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމުން، މާޒިޔާއަށް އިނާމު ފައިސާގެ ގޮތުގައި ލިބުނު 100،000 ރުފިޔާގެ ތެރެއިން ވަކި ޕަސެންޓެއް އެ ކްލަބުން ވަނީ ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާ ކޮށްފައެވެ.
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް