ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ފުޓުބޯޅަ ފަށަން ތައްޔާރުވެފައިވާ އިރު، މާދަމާ ރޭ އޮންނަ ޗެރިޓީ ޝީލްޑް މެޗަށް ކްލަބު އީގަލްސް އޮތީ އެންމެ ރަނގަޅަށް ތައްޔާރުވެފައި ނޫން ކަމަށް ހެޑް ކޯޗުގެ މަގާމުގައި ހުރި އަހުމަދު ނިމާދު (ނިމާ) ބުނެފިއެވެ.
ދޮޅު އަހަރެއްހާ ދުވަހަށްފަހު ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބު އީގަލްސްއިން ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. ފުޓުބޯޅަ ހުއްޓިފައި އޮތް ދުވަސްތަކުގައި މާޒިޔާއިން އޭޝިއާގެ މުބާރާތްތަކުގައި ވާދަކުރަން އެ ކްލަބުން ތަމްރީނުތައް ކޮށް، މެޗުތައްވެސް ކުޅެފައިވާ އިރު، އެހެން ކްލަބަކުން ފުޓުބޯޅައިގައި ފެނިގެން ގޮސްފައެއް ނުވެއެވެ.
އީގަލްސްއިން ފުރަތަމަ ސީޒަނަށް ތައްޔާރުވާން ފެށީ މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ނަމަވެސް، މޯހަން ގައުމީ ޓީމާ ހަވާލުވުމުން އެ މަގާމާ ހަވާލުވީ ނިމާއެވެ.
ޗެރިޓީ ޝީލްޑް ކުރި ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިމާ ބުނީ އީގަލްސް އަދި ސީޒަނަށް ތައްޔާރު ނޫން ކަމަށެވެ.
"ދިވެހި ފުޓުބޯޅަގެ ތެރޭގައި ނޫޅެވޭތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ. އާފެށުމަކުން ފަށަން މި ލިބުނު ފުރުސަތަށް ދެން އީގަލްސްގެ މެނޭޖުމަންޓަށް ޝުކުރު އަދާކުރަން. މި މަގާމަށް މި އައީ ހެޑް ކޯޗު (ގައުމީ ޓީމަށް) ދިޔުމާއެކު. ދެން މި ފެށުމަށް ކުޑަ ދުވަސްކޮޅެއް މި ލިބުނީ. ގާތްގަނޑަކަށް 16 ވަރަކަށް ޕްރެކްޓިސް އީގަލްސްއާއެކު މި ލިބުނީ. އީގަލްސްގެ ޕްރި ސީޒަން އެހާ ރަނގަޅަށް ހެދިފައެއް ނެތް. ދެން ލީގު ނެތި މިދިޔަ ދޮޅު އަހަރެއްހާ ދުވަހު، އީގަލްސް ފުޓުބޯޅަ ނުކުޅެ މިދިޔައީ،" ނިމާ ބުންޏެވެ.
ނިމާ އިތުރަށް ފާހަގަކުރީ އީގަލްސްގެ ކުޅުންތެރިންވެސް ބައެއް އަތޮޅު ތެރޭގެ މުބާރާތްތަކުގައި ކުޅުނު ނަމަވެސް އެ ކުޅުންތެރިންނާއެކު ރަނގަޅަށް އަދި ތައްޔާރުނުވެވޭ ކަމަށެވެ.
ނިމާ ޕްރެސްގައި އިތުރަށް ބުނީ ފުރަތަމަ ޑިވިޝަން ނެތި މިދިޔަ ދުވަސްތަކުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފުޓުބޯޅަ ދަމަހައްޓަން ކުރި މަސައްކަތަށް އިހުތިރާމްކޮށް މަރުހަބާ ކިޔާ ކަމަށެވެ.
"ރާއްޖޭގެ ފުޓުބޯޅަ ގައުމީ ފެންވަރުގައި ރަނގަޅަށް ބާއްވައި، ދާދިފަހުން ޓީމުން ހޯދި ކާމިޔާބީގައިވެސް މާޒިޔާގެ ހިއްސާ ބޮޑު. އެހެންވީމަ އެޓީމު ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ދެކިގެން ޗެރިޓީ ޝީލްޑް މެޗުގައި މި ކުރިމަތިލަނީ. ޓީމު މި ތައްޔާރުކުރަނީ މާޒިޔާ ކައިރީގައި ހިފެހެއްޓޭތޯ ބަލަން. އެއީ އުނދަގޫ ވާނެވެސް ކަމެއް. އެހެންނަމަވެސް، އީގަލްސްއިން ހަމަ ކުރެވެނު ވަރަކަށް މަސައްކަތް ކުރާނެ،" ނިމާ ބުންޏެވެ.
ނިމާ ބުނީ މާޒިޔާއަކީ މިފަހަކަށް އައިސް ރާއްޖޭގެ ފުޓުބޯޅައިގެ "ކިންގް" ކަމަށާއި، އެކަމަށް އިހުތިރާމް ކުރާނެ ކަމަށެވެ.
ނިމާ އިތުރަށް ބުނީ ފުޓްސަލް މުބާރާތްތަކުގެ އިތުރުން އެހެން ބައެއް މުބާރާތްތަކުގެ ތެރެއިން އަނިޔާގެ މައްސަލަ ދިމާވި ކަމަށާއި، އެކަމުގެ "ކޮންސާންތައް ބޮޑު،" ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ކްލަބަށް ބިދޭސީ ކުޅުންތެރިންނަށް އަދި ހިތްހަމަ ނުޖެހޭ ކަމަށެވެ.
"ސީޒަނަށް ތައްޔާރުވަމުން މެނޭޖުމަންޓްގައި އެދުނިން ބިދޭސީ ދެ ޑިފެންޑަރުން ގެނެސްދޭން. އެކަމަކު އަދި ގެނެވުނީ އެންމެ ޑިފެންޑަރެއް. އޭނާގެ އެބައުޅޭ މެޑިކަލް މައްސަލައެއް. އެހެންނަމަވެސް އޭނާ އެކަމަށް އެބަ އިންކާރު ކުރޭ. ދެން ފުލް މެޑިކަލްއެއް ހަދަންވެސް އަދި މަސައްކަތެއް ނުކުރެވޭ. އެހެންވީމަ އެ ޑިފެންޑަރަށް މާދަމާވެސް ނުކުޅެވޭނެ. އެހެންވީމަ ޑިފެންސަށް ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި،" ނިމާ ބުންޏެވެ.
މާޒިޔާއާއި އީގަލްސް ވާދަކުރާ ޗެރިޓީ ޝީލްޑް މެޗު އޮންނާނީ މާދަމާ ރޭ 9:00 ގައެވެ.
އެންމެފަހުން 2023 ވަނަ އަހަރު ޗެރިޓީ ޝީލްޑް މެޗުގައިވެސް މާޒިޔާއާއި އީގަލްސް ވާދަކޮށްފައިވާ އިރު، އެފަހަރު ޝީލްޑް ކާމިޔާބުކުރީ މާޒިޔާއެވެ. އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އިން ވަނީ 2015، 2016، 2017، 2021 އަދި 2023 ވަނަ އަހަރު ޝީލްޑް ހޯދައިފައެވެ. އީގަލްސްއިން ވަނީ 2020 ވަނަ އަހަރު މާޒިޔާ ބަލިކޮށް ޝީލްޑް އުފުލާލައިފައެވެ.
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް