ފަހަތުން އަރައި ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބު ތާރީހުގައި ހަތް ވަނަ ފަހަރަށް އެފްއޭއެމް ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފިއެވެ.
ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޝީލްޑް މެޗުގައި ލީގު ޗެމްޕިއަން މާޒިޔާއާއި އެފްއޭ ކަޕް ޗެމްޕިއަން ނިއު ރޭޑިއަންޓް މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު، ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މާޒިޔާ މޮޅުވީ 7-6 އިންނެވެ. މާޒިޔާއިން ޝީލްޑް ކާމިޔާބުކުރީ އެސިސްޓެންޓް ކޯޗުން ކަމަށްވާ އިބްރާހީމް ސައީދު (ކަކާ) އާއި އަހުމަދު ސުޒައިރު (ކޮއްކޮ)ގެ އިރުޝާދުގެ ދަށުންނެވެ.
މިފަހަރު ސީޒަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އިތުރު ކުޅުންތެރިންތަކަކާއެކު ސްކޮޑު ވަރުގަދަ ކޮށްފައިވާ އިރު، މިރޭގެ މެޗަށްވެސް ނުކުތީ ތަފާތު ވަރުގަދަ ސްކޮޑަކާއެކުގައެވެ. އަލަށް ގެނައި ބިދޭސީ ކުޅުންތެރިން ކަމަށްވާ އަލްބާޓް ކަޔީ ސްވެންއާއި ކުރިން ބްރެޒިލްގެ ފްލުމިނެންސް، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ، ބަޝުންދަރާ ކިންގްސް އަދި އިންޑިއާގެ އޮޑީޝާއަށް ކުޅެފައިވާ ޑޮރިއެލްޓަން ގޮމޭސް ނަސިމެންޓޯ (ޑޯރީ) ވެސް މެޗު ފަށާފައިވެއެވެ.
މާޒިޔާއިން މި ސީޒަނަށް ސްކޮޑު ޒުވާން ކޮށްލާފައިވާ އިރު، ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) ގެ އިތުރުން ހަސަން ނަޒީމް (ޗޯޓު) ފަދަ ކުޅުންތެރިން ވަނީ އެ ކްލަބު ދޫކޮށްލައިފައެވެ. ބިދޭސީ ކުޅުންތެރިޔަކާވެސް ނުލައި މިރޭ މާޒިޔާއިން ނުކުތް އިރު، އެޓީމުން ވަނީ ރަނގަޅު ހިތްވަރެއް ދައްކައި ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފައެވެ.
މާޒިޔާއިން މިހާތަނަށް ހަތް ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފައިވާ އިރު، މާޒިޔާއިން ވަނީ 2017، 2020، 2021، 2023 އަދި 2025 އާއި މިއަހަރުވެސް އެ ކާމިޔާބީ ހޯދައިފައެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ދެޓީމުންވެސް ވަނީ ހަމަލާތައް އުފައްދައިފައެވެ. ހަތަރު ވަނަ މިނެޓުގައި ޑޯރީ ނިއު ރޭޑިއަންޓަށް ލީޑު ނަގައިދިނީ އޭރިއާ ތެރެއަށް ގުއިލާމޭ ލުއިސް ގޮމޭސް ޑަ ސިލްވާ ނަގައިދިން ހުރަހަކުންނެވެ. އޭގެފަހުން އާލީ ފާސިރު (ސެންޓޭ) ނިއުއަށް ނަތީޖާ ފުޅާކޮށްދިން އިރު، 43 ވަނަ މިނެޓުގައި މުހައްމަދު އިލާން އިމްރާން ވަނީ މާޒިޔާއަށް ގޯލް ޖަހައި އުންމީދު ހޯދައިދީފައެވެ.
އެހެން ނަމަވެސް އަނެއްކާވެސް ޑޯރީ ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހައިފައެވެ. މެދުތެރެއިން ދުއްވާލި ބޯޅަ އޭނާ ގޯލަށް ވައްދާލީ ކީޕަރު ޗިޕް ކޮށްލައިގެންނެވެ.
ދެވަނަ ހާފުގައި މާޒިޔާއިން އިތުރަށް ކުޅުން ރަނގަޅު ކޮށްފައިވާ އިރު، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި އިލާން ކައިރިކައިރީގައި ޖަހައިދިން ގޯލްތަކުން އެޓީމު އެއްވަރުކުރިއެވެ.
އެ ނަތީޖާއާއެކު މެޗު ޕެނެލްޓީއަށް ގޮސް، މާޒިޔާއިން ހުރިހާ ޕެނަލްޓީއެއް ވެއްދިއެވެ. ނިއު ރޭޑިއަންޓަށް ނާކާމިޔާބުވީ މުހައްމަދު ނާއިމް ޖެހި ޕެނަލްޓީއެވެ.
މިފަހަރު ޗެރިޓީ ޝީލްޑްގެ ފައިސާ ހަދިޔާ ކޮށްފައި ވަނީ ބްލައިޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްއަށެވެ.
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ކޮމެންޓް