ދެގައުމުން ވާދަކުރި ސައުތު އޭޝިއަން ސުޕަ ކަޕްގައި ސްރީ ލަންކާގެ މައްޗަށް ކުރި ހޯދައި، ރާއްޖެއިން މުބާރާތް ކާމިޔާބުކުރުމާއެކު، އެ ނަތީޖާއަކީ ގަބޫލުކުރަން ދަތި، ބަދު ނަސީބު ނަތީޖާއެއް ކަމަށް ސްރީ ލަންކާގެ ކޯޗު، އަބްދުﷲ އަލް މުތައިރީ ބުނެފިއެވެ.
ސްރީ ލަންކާގެ ރޭސްކޯސް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު އެއްވަރުވީ، 1-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ރާއްޖެއިން ވަނީ އެގްރިގޭޓް 3-1 ގެ ނަތީޖާއަކުން ދެކުނު އޭޝިއާގެ ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ.
މިދިޔަ 23 އަހަރު ތެރޭގައިވެސް ރާއްޖެ ކައިރިން ސްރީ ލަންކާއަށް މޮޅެއް ހޯދިފައި ނުވާ އިރު، އެ ތާރީހަށް އަނެއްކާވެސް ބޮޅެއް އިތުރުވީއެވެ. ލަންކާއިން މިދިޔަ ދެ އަހަރު ފުޓުބޯޅަ ރަނގަޅުކުރަން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، މިފަހަރުވެސް ރާއްޖެ މޮޅުވެފައިވާ އިރު، ލަންކާއިން އެންމެފަހުން ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރުއެވެ.
"ގާތްގަނޑަކަށް އަހަރެމެން އަތުން 16 ފުރުސަތެއް ގެއްލިގެން ދިޔަ. މޮޅަށް ކުޅެ، ލިބުނު ފުރުސަތުތައް ބޭނުމެއް ނުކުރެވުނު. އެއީ އަހަރެމެންގެ ނަސީބު ނެތީ. ބަލިވީކީ ނޫން އަސްލު. ލަންކާގެ މި ޖީލަށް ފަހުރުވެރިވޭ. އަހަރެމެން މި މެޗު ކޮންޓްރޯލް ކުރީ. އޭ އިން ފެށިގެން ޒެޑާ ހަމައަށް އަހަރެމެން ކޮންޓްރޯލް ކުރީ. އަހަންނަށް ގަބޫލުވެސް ނުކުރެވޭ މި ނަތީޖާއެއް. ބޯޅަ ގޯލަކަށް ނުވަން އުޅެއުޅެވެސް. އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއްވެސް. މިއީ ފުޓުބޯޅަ، އެކަމަކު މިއީ އާ ކަމެއް. މިއީ އާއްމުކޮށް ވާކަމެއް ނޫން. އަހަރެމެން ދެން ރާއްޖެއަށް މަރުހަބާ ކިޔަން. އެކަމަކު ހަމަ ނަސީބު ނެތީ. ދެން އޮތީ ކުރިއަށް އޮތް މެޗު،" މުތައިރީ މެޗަށްފަހު ބުންޏެވެ.
މުތައިރީ އިތުރަށް ބުނީ މެޗުން މޮޅުވާން އޭނާއަށް ކުރެވެން އޮތް އިތުރު ކަމަކަށް ފެނުނީ ދުއާ ކުރުން ކަމަށާއި، އެކަން ކޮށްވެސް މޮލެއް ނުހޯދުނު ކަމަަށެވެ.
ފުރަތަމަ މެޗަށްފަހު މުތައިރީ ލަންކާ ސަޕޯޓަރުންނަށް ނުރުހުން ފާޅުކޮށްފައިވާ އިރު، މިއަދުވެސް ހުރީ ޖަޒުބާތުގައެވެ. އޭނާ ބުނީ ލަންކާ ސަޕޯޓަރުން ކިބައިން މައާފަށް އެދޭ ކަމަށާއި، ކުރިއަށް އޮތް ކޮލިފިކޭޝަން މެޗުގައި މިހެން ނުވާނެ ކަމަށެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ