ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ދުބާއީން ސްރީލަންކާއަށް ގެންދަން އުޅުނު ބުޅަލެއް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ގެއްލިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 11 ވަނަ ދުވަހު، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަވިޝްކާ ކައުމަދީ އޭނާގެ ބުޅާ ކާގޯގެ ގޮތުގައި ފޮނުވުމަށް އެއާލައިނާ ހަވާލުކުރި ފަހުންނެވެ. ޓާމިނަލް 1 އިން ފުރަން ހަމަޖެހިފައިވާ ފްލައިޓް ޔޫއެލް226 އިން ދަތުރުކުރަން އުޅުނު ކައުމަދީ ބުނި ގޮތުގައި، ލިޔެކިޔުންތައް ފުރިހަމަކޮށް ބުޅާ ހަވާލުކުރުމަށްފަހު އިމިގްރޭޝަން ހުރަސްކުރި ފަހުން، ބުޅާ ކޮށިން ނުކުމެގެން ފިލާފައިވާ ކަމަށް އެއާލައިންގެ މުވައްޒަފުން އޭނާއަށް ގުޅައި އެންގިއެވެ.

ބުޅާ ނުލައި ފުރަން ދެކޮޅުހެދުމަށްފަހު، އެއާޕޯޓުގެ ކާގޯ ސަރަހައްދުގައި 28 ގަޑިއިރު ވާންދެން ބުޅާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ. ބުޅާ ލާފައި އޮތް ކޮށީގެ ދޮރު ހުޅުވިފައި ހުރި ކަމަށާއި، ނަމަވެސް އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށް އޮފިޝަލުން އޭނާއަށް އެންގި ކަމަށްވެސް ކައުމަދީ ބުނެފައިވެއެވެ.

ބުޅާ ނުފެނުމުން އޭނާ އަނބުރާ ސްރީލަންކާއަށް ގޮސްފައިވާއިރު، ފަސް ދުވަސް ފާއިތުވީއިރުވެސް ބުޅަލުގެ އެއްވެސް ހަބަރެއް ލިބިފައި ނުވާ ކަމަށް ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ. ދުބާއީ އެއާޕޯޓުގެ މެނޭޖްމަންޓާ ހަވާލާދީ ކައުމަދީ ބުނީ، ބުޅާ ފެނިއްޖެނަމަ ސްރީލަންކާއަށް ފޮނުވައިދޭނެ ކަމަށް އެއާޕޯޓުން އަންގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާ ވަނީ ސްރީލަންކަން އެއާލައިންސަށާއި ގްރައުންޑް ހޭންޑްލިން ކުންފުނި ޑިނާޓާއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅައިފައެވެ. އޭނާގެ ޝަކުވާގައި ވަނީ ބުޅާ އުފުލުމުގައި އަމަލުކުރާން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށްފައި ވޭތޯ ސުވާލު އުފައްދައިފައެވެ.