ކުޑަކުދިންގެ ހޮސްޕިޓަލަކަށް ހަދިޔާކުރި ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރަންތީ ރާޖަޕަކްސަ ހައްޔަރުކޮށްފިއެވެ.

އުމުރުން 73 އަހަރުގެ ޝިރަންތީ ހައްޔަރުކުރީ ކޮލަމްބޯގައި ހުންނަ އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށް، ސްރީލަންކާގެ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސީއައިއޭބީއޯސީ) އިން ބުދަ ދުވަހުއެވެ.

ތަހުގީގުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޝިރަންތީގެ 'ސިރިލިޔާ ސަވިޔާ' ފައުންޑޭޝަނުން ވަނީ ކޮލަމްބޯގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަށް ސްކޭނަރެއް ގަތުމަށް ނޭޝަނަލް ސޭވިންގްސް ބޭންކުން ދިން 10 މިލިއަން ލަންކާ ރުޕީސް (30،300 ޑޮލަރު) އަށް ހިޔާނާތްތެރިވެފައެވެ. އެ ސްކޭނަރު ޗައިނާ ސަރުކާރުން ކުރިން ހަދިޔާކޮށްފައިވީ ނަމަވެސް، އެ ފައުންޑޭޝަނުން ފައިސާ ހޯދުމަށް މަސައްކަތްކޮށް، އެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް އޮފިޝަލުން ތުހުމަތުކުރެއެވެ.

މި މައްސަލައާ ގުޅިގެން ނޭޝަނަލް ސޭވިންގްސް ބޭންކުގެ ކުރީގެ ޗެއާމަން ޕްރަދީޕް ކަރިޔަވަސަމް ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ.

ޝިރަންތީގެ ގާނޫނީ ވަކީލު މަނޯޖް ގަމާޖޭ ބުނި ގޮތުގައި، ޝިރަންތީ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި ފައުންޑޭޝަނުގެ އެކައުންޓުގައި ފައިސާ ރައްކާތެރިކަމާއެކު އެބަހުރި ކަމަށާއި، އެއްވެސް އޮޅުވާލުމެއް ހިނގާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ކޯޓަށް ހާޒިރުކުރުމަށްފަހު، ކޯޓުން ވަނީ އޮކްޓޯބަރު 13 ވަނަ ދުވަހާ ހަމައަށް ޝިރަންތީ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.