މިޔަންމާގައި މިހާރު ކުރިއަށްދިޔަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެއާއި ސްރީ ލަންކާ ވާދަކުރި މެޗަށްފަހު، ރާއްޖެއަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ވާހަކަ ދެއްކި ސްރީ ލަންކާ ޓީމުގެ އެސިސްޓަންޓް ކޯޗު، މުހައްމަދު އިމްރާނަށް އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ، އޭއެފްސީން ފިޔަވަޅު އަޅައިފިއެވެ.

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެސްއެލް) އިންވެސް ކުރިން އިމްރާނަށް ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން އިމްރާން ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުން ވަކިކުރަން ނިންމާފައިވެއެވެ.

ރާއްޖޭގެ ޒުވާން ޓީމުން އެފަހަރު ލަންކާއާ ދެކޮޅަށް ކުޅުނު މެޗު، 4-0 އިން ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗުން މޮޅުވެ ރާއްޖޭން ވަނީ ކޮލިފައިން ފޭސްއިން ޖާގައެއް ކަށަވަރުވެސް ކޮށްފައެވެ. އެމެޗު ވެގެން ދިޔައީ ބަދަލުހިފުމުގެ މެޗަކަށެވެ. ރާއްޖޭގައި މިއަހަރު ބޭއްވި 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ އާއި ލަންކާއިން ބައްދަލުކުރިއެވެ. ރާއްޖެއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ލަންކާއިން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ، ރާއްޖެ މާޔޫސްކޮށްލައިފައެވެ. އެމެޗުން ލަންކާ މޮޅުވީ ރާއްޖޭން ދެ ގޯލް ޖަހާފައި އޮއްވައި ފަހަތުން އަރައެވެ.

މިޔަންމާގައި ކުޅުނު މެޗަށްފަހު އިމްރާން ވާހަކަ ދެއްކީވެސް އެމެޗަށް ނިސްބަތްކޮށެވެ. އިމްރާން މެޗަށްފަހު ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ކުރިމަތިލައި، ރާއްޖެއަށް ނިސްބަތްކޮށް ބޭއަދަބީ އިބާރާތްތައް ބޭނުކޮށްގެން ވާހަކަ ދެއްކި ވީޑިއޯވެސް އާންމުވެފައިވެއެވެ.

ލަންކާ ނޫސްތަކުން ބުނީ އޭއެފްސީން 5،000 ޑޮލަރުގެ ޖޫރިމަނާއަކުން އިމްރާން ޖޫރިމަނާ ކޮށްފައިވެއެވެ. އަދި އެ ފިޔަވަޅު އިސްތިއުނާފުކުރުމަށް 10 ދުވަހުގެ މުއްދަތެއްވެސް އޭއެފްސީން ދީފައިވާ ކަމަށް ލަންކާ ނޫސްތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް އެކަމުގައި ލަންކާ ފުޓުބޯޅަ އިދާރާއިން އިސްތިއުނާފު ކުރާނެ ކަމަކަށް ނުބެލެވެއެވެ. ލަންކާ ނޫސްތަކުން ބުނީ ރާއްޖެއަށް އަމާޒުކޮށް ބޭއަދަބީ ބަސްތައް ބޭނުންކުރި އިމްރާން ދެ އަހަރު ދުވަހަަށް ފުޓުބޯޅައިން ސަސްޕެންޑް ކުރަން ލަންކާ އެފްއޭގެ ރައީސް ޖަސްވާރް އުމަރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.