ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލްގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތުގެ އިތުރު ދައުވާއެއްގެ އަޑުއެހުން މިއަދު ކުރިމިނަލް ކޯޓުގައި ފަށައިފިއެވެ.
ދައުލަތުން ވަނީ ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ދައުވާއެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ވެސް ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މިއަދު ފަށައިފައިވަނީ މި ދައުވާގެ އަޑުއެހުންތަކެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ބުނެފައިވަނީ އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އެގޮތުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލީ ބައްސާމް، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވާތީއެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.
އެ ކުށުގެ އަދަބަކީ އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެ ދައުވާތަކާ ގުޅިގެން އެ ހިޔާނާތުގެ ސަބަބުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ބައްސާމްގެ އަތުން ނަގައިދިނުމަށާއި ލޯންޑާ ކޮށްފައިވާ ފައިސާ ބޭނުންކޮށްގެން ބައްސާމް ހޯދި އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.
ދައުލަތުން ދައުވާ އިއްވައި ނިންމުމަށްފަހު ވިދާޅުވީ ބައްސާމުގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އަދަބު ބޮޑުވާ ހާލަތެއް އަދި ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ހުރި ބައެއް ހެކިތައް ރައްކާކުރުމުގެ ވަގުތީ އަމުރަކަށް ދައުލަތުންވަނީ އެދިފައެވެ.
ބައްސާމުގެ މިއަދުގެ އަޑުއެހުމަށް ވަޑައިގަތީ ވަކީލަކަށް ނުލައެވެ. ބައްސާމް ވިދާޅުވީ ވަކީލަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި 10 ދުވަހުގެ ތެރޭގައި ވަކީލަކު އައްޔަން ކުރެވޭނެ ކަމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ވަކީލަކު އައްޔަން ކުރުމަށް ބައްސާމަށް 10 ދުވަހުގެ މުއްދަތަކެއް ދިނުމަށް ނިންމާ ކަމަށެވެ. ދެން މި މައްސަލައިގައި ބާއްވާ އަޑުއެހުމުގައި ވަކީލަކު ހަމަޖެހުނަސް ނުޖެހުނަސް ބައްސާމް ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެކަމަށް ގާޒީ ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެ ދުވަހުގެ އަޑުއެހުމަށް ވަކީލު އަންނަންވާނީ މައްސަލައަށް ތައްޔާރުވެގެން ކަމަށެވެ.
ދެން މި މައްސަލައިގައި އަޑުއެހުމެއް ބާއްވާނީ މިމަހު ފަހުކޮޅުކަމަށް ގާޒީ ވިދާޅުވިއެވެ.
ބައްސާމުގެ މައްޗަށް ދައުލަތުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައިކުރި މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ދައުވާ ޝަރީއަތް މިހާރުވަނީ ނިމެން ކައިރިވެފައެވެ. އެ މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން އިއްވުމަށްފަހު އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.
ހުލާސާ ބަޔާން އިއްވާ އަޑުއެހުން އޮންނަނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1:00 ޖަހާއިރު ކަމަށް ގާޒީ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް