ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ އެއް ދައުވާގެ ހުލާސާ ބަޔާން އިއްވުން މިމަހުގެ 29 ވަނަ ދުވަހަށް ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
ދައުލަތުން ވަނީ ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނަތްތެރިވުމުގެ ދައުވާކޮށްފައެވެ.
ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ބައްސާމްގެ މައްޗަށް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ދުވަހު ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޯލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ޑޮލަރުގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ވަނަ ދުވަހު ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށް ވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އަދީލް ޖަލީލް އެފްއޭއެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، މި ފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ،" ބައްސާމަށް ހިޔާނާތުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވެއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައިވަނީ ދައުލަތުގެ ހެކިވެރިއެއް ކަމަށްވާ އެފްއޭއެމްގެ ކުރީގެ މެންބަރު ޑރ. އަހުމަދު ޝަކީބުގެ ހެކިބަސް ނަގައިފައެވެ.
ހެކިބަސް ދެމުން އޭނާ ވިދާޅުވީ ބައްސާމަށް ކޮންމެ މަހަކު 3،000 ޑޮލަރުގެ އެލެވެންސަށް ދިނުމަށް އެފްއޭއެމުން ކަނޑައަޅައިފައިވާނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19އިގެ ފަހުން ބައްސާމަށް އެ އެލެވެންސް ގަވާއިދުން ޖަމާވެފައިނުވާ ކަމަށާއި ބައެއް ފަހަރު އެލަވަންސް ޖަމާވަނީ ގިނަ މަސްތަކެއްގެ އެލެވެންސް އެއްފަހަރާ ގަނޑުކޮށް ކަމަށެވެ.
އޭނާގެ ހެކިބަސް ނަގާ ނިމުމުން ގާޒީ ވިދާޅުވީ މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމުނީ ކަމަށެވެ. ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށެވެ. ހުލާސާ ބަޔާން އިއްވާ އަޑުއެހުން އޮންނަނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1:00 ޖަހާއިރު ކަމަށް ގާޒީ ވިދާޅުވިއެވެ.
ހުލާސާ ބަޔާން އިއްވައި ނިމުމުން އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.
ދައުލަތުން ވަނީ ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ އިތުރު ދައުވާއެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ވެސް ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މި ދެ ދައުވާގެ އަޑުއެހުންތައް އަދި ކޯޓުގައި ފަށާފައެއް ނުވެއެވެ.
އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް