މާލޭގެ ގެއެއްގެ ތެރޭގައި ބަންގުލަދޭޝް މީހަކު ރަހީނުކުރުމަށްފަހު، އޭނާގެ އާއިލާއަށް ގުޅައިގެން ފައިސާ ހޯދަން އުޅުނު މައްސަަލައާ ގުޅިގެން އިތުރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ސަދީގުލް މިއާ (37އ) އަދި މުހައްމަދު އަޒީޒުލް (37އ) އެވެ. އެ ދެ މީހުންނަކީ ވެސް ބަންގުލަދޭޝް ދެ މީހުންނެވެ.
އެފަހުން ވެސް މި މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ.އަލާއުއްދީން ހިރިޑޯއި (28އ) ހައްޔަރުކޮށްފައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އޭނާގެ ބަންދު ޖެހުމަށް ކޯޓުން އަމުރުކުރީ އޭނާއަށް ތުހުމަތުވާ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށް އޭނާ ކުރިކަމަށް ތުހުމަތުވާ މިންވަރަށް ފުލުހުން ހެކި ގަރީނާ ހުށަހަޅާފައިވާތީ އާއި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެތީ ކަމަށެވެ.
އޭނާގެ ބަންދު އަމުރުގައިވަނީ މި މައްސަލައަކީ އަނިޔާވެރިކަން ހިމެނޭ ކުށަކަށްވުމުގެ އިތުރުން މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ އަމަލެއްކަން ލިޔުންތަކުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ދެން ހިމެނޭ ދެ މީހުން ވެސް ތިބީ ބަންދުގައެވެ. އެ ދެ މީހުންގެ ބަންދު ކުރުމަށް އެންމެ ފުރަތަމަ ކުރި އަމުރުގައިވާ ގޮތުން އެ ދެ މީހުން ރަހީނު ކުރި ބަންގުލަދޭޝް މީހާއަކީ ޝަޖާހަން ނަމަކަށް ކިޔާ މީހެކެވެ. ޝަޖަހާން، ރަހީނުކޮށް، ގެއެއްގެ ތެރޭގައި އަނިޔާކުރަމުންދާ ކަމުގެ ރިޕޯޓް ފުލުހުންނަށް އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ ލިބުމުން، ފުލުހުން ވަނީ އޭނާގެ ސެލް ލޮކޭޝަން މެދުވެރިކޮށް އޭނާ ރަހީނުކޮށް ބަހައްޓައިފައި ހުރި ތަން ދެނެގަނެފައެވެ.
ސެލް ލޮކޭޝަން ބެލުމުން ޝަޖާހަން ރަހީނުކޮށްފައި ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ގެއެއްގެ ތެރޭގައިކަން ފުލުހުންނަށް އެނގުނެވެ. ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިރު ގޯޅިތެރޭގައި ހުންނަ އެސްއައި ގެސްޓްހައުސް އިން ޝަޖަހާން ނުކުމެގެން އައި ތަން ފެނިފައިވެއެވެ.
ފުލުހުން، ޝަޖަހާން ސުވާލުކުރުމުން، އަޒީޒުލް އާއި އިތުރު ބަޔަކު އޭނާ ރަހީނުކޮށް ބިރު ދައްކައި އަނިޔާ ކުރި ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އަމުރުގައިވެއެވެ.
ޝަޖަހާން ރަހީނުކޮށްފައި ހުރި ތަނަށް ފުލުހުން ވަންއިރު އެ ތަނުގައި މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ތިއްބެވެ. ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ސަދިގުލްއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ އަދި ތިލަފުށީގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ވަނީ ރަހީނު ކުރުމުގެ ކުށުގެ ތުހުމަތަށް އިންކާރުކޮށްފައެވެ.
ދެން ހައްޔަރު ކުރި އަޒީޒުލްއަކީ ވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއް ކަމަށް ކޯޓު އަމުރުގައިވެއެވެ. އަޒީޒުލް ކޯޓުގައި ބުނެފައިވަނީ އޭނާ ލައްވައި ޝަޖަހާން މަސައްކަތް ކުރުވުމަށްފަހު އެ މަސައްކަތަށް ވާ ފައިސާ ނުލިބި ތަކުރާރުކޮށް އޭނާއަށް ގުޅައި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެ ފައިސާ ދީފައި ނުވާ ކަމަށެވެ. އެހެންވެ އޭނާއަށް ގުޅައިގެން ކޮޓަރިއަށް ގެންދިޔަ ކަމަށާއި އޭނާގެ ގައިގައި ޖަހާފައިވާނެ ކަމަށް އަޒީޒުލް ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ކިޑްނެޕް
ކިޑްނެޕް
ކިޑްނެޕް
ކިޑްނެޕް