ބަންދުކޮށް ޗޭނު ޖަހައިގެން އަތްފައި ބަނދެގެން ދެ މީހަކަށް އަނިޔާކުރި މައްސަލައިގައި ހިމެނޭ ތިން މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރިއެވެ.
ދައުވާ ކުރި މީހުން:
-
- ގއ. މާމެންދޫ، ހުޅުދަލީގެ، އިބްރާހިމް ޝަރަފް
- މ. އެތުމާ، އަލީ އަޝްރަފް
- މ. އަބާނާ، ޔާސީން އަބްދުލް މަތީން
ދައުލަތުން މި މީހުންގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދައުވާކުރީ، ރ. ކަނދޮޅުދޫ، ބާޑްވިލާ، އިބްރާހިމް އަހްމަދު ވަސީމް އާއި ވ. ސިނަމާލެ 4 10-3، މުހައްމަދު އިމްދާދު މ. މޮޑަން ކޮމެޓް ގެސްޓްހައުސްގެ ކޮޓަރިއެއްގެ ތެރޭގައި ހުއްޓައި، އެމީހުން އެ ކޮޓަރިތެރެއަށް ވަދެ، ވަސީމް އާއި އިމްދާދުގެ ނުރުހުމުގައި އެ ގެސްޓްހައުސްއިން ނެރެގެން ގެންގޮސް، މަޖީދީމަގު ސަންފްރަންޓް ކައިރީގައި އޮތް ކާރަކަށް އަރުވައި، އެ ކާރުގައި މ. އަބާނާގެ ކައިރިއަށް ގެންގޮސް އެ ގޭ ތިރީގައި ހަދާފައި ހުރި ގަރާޖަކަށް ގަދަކަމުން ވައްދައި، ބޭރަށް ނުނިކުމެވޭ ގޮތަށް އެތަނުގައި ބަންދުކޮށްގެން އެމީހުން ގެންގުޅެފައި ވާތީއެވެ.
އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެމީހުންގެ މައްޗަށް ކުރީ، ވަސީމް އާއި އިމްދާދު، އެ ގަރާޖަށް ގެންގޮސް، އެ މީހުންގެ ދެއަތާއި ދެފައި ޗޭނު ގަނޑަކުން އައްސައި މޮޕް ދަނޑިއަކުންނާއި ގަރާޖުގައި ހުރި ޓޫލްތަކުން އެ މީހުންގެ ގައިގައި ތަޅައި އަނިޔާ ކޮށްފައިވާތީއެވެ. އަދި ގަރާޖު ތެރޭގައި އޮތް ނަރުކެނޑިއަކުން ވަަސީމުގެ ވައަތު ކުޑަވާއިނގިލީގައި ހިފަހައި އަނިޔާކޮށްފައިވާތީއެވެ.
ޝަރީއަތުގެ މަރުހަލާގައި، ދައުުލަތުން އެމީހުންނަށް ކުރި ދައުވާއަށް އިއުތިރާފްވިއެވެ.
އެހެންކަމުން އަމިއްލަ އިއުތިރާފުން ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާގައި، 27 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އަޝްރަފްގެ މައްޗަށް ހުކުމްކޮށް، ޖަލު އަދަބުގެ ބަދަލުގައި، ތަންފީޒު ކުރަންޖެހޭ އަދަބަކީ 5،400 ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލައިގައި 13 ދުވަހާއި 12 ގަޑއިރުގެ މުއްދަތަށް ޝަރަފް ޖަލަށް ލުމަށް ހުކުމްކޮށް، ޖަލު އަދަބުގެ ބަދަލުގައި ތަންފީޒު ކުރަން ޖެހޭނީ 2،700 ރުފިޔާއިން ޖޫރިމަނާއެެއް ކަމަށް ކަނޑައަޅައި އެ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ ހުކުމް ކޮށްފައެވެ.
އަނިޔާއެއް ދިނުމުގެ މައްސަލައިގައި ޝަރަފްގެ މައްޗަށް ހުކުމް ކޮށްފައިވަނީ، 11 މަހާއި 27 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. ނަމަވެސް ޖަލު އަދަބުގެ ބަދަލުގައި ތަންފީޒު ކުރަންޖެހޭނީ 71،400 ރުފިޔާގެ ޖޫރިމަނާއެއް ކަމަށް ކަނޑައަޅައި އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ އަންގައިފައެވެ. އަދި އެ ކުށުގައި އަޝްރަފްގެ މައްޗަށް ހުކުމް ކޮށްފައިވަނީ، ހަ މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. އަދި ޖަލު އަދަބުގެ ގޮތުގައި 37،200 ރުފިޔާގެ ޖުރީމަނާގެ އަދަބެއް ތަންފީޒު ކުރަން ކަނޑައަޅައި 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކަން ވަނީ އަންގައިފައެވެ.
މި މައްސަަލައިގައި ހިމެނޭ މ. އަބާނާ ޔާސީން އަބްދުލް މަތީންގެ މައްސަލަ އެހެން ގަޒިއްޔާއަކުން ބަލަން ކޯޓުން ވަނީ ނިންމައިފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް