ބިދޭސީއަކު ބަންދުކޮށްގެން ގެންގުޅުނު މީހަކު، ދެ މަސްދުވަހަށް ގޭބަންދުކޮށް ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކުރީ، ބ. އޭދަފުށި، ރަންވެލި، އަބްދުﷲ މުއްތައްޒު އަށެވެ.
ދައުލަތުން ހުށަހެޅި ދައުވާގައި ބުނަނީ، އަބްދުﷲ މުއްތައްޒު، އިތުރު ބަޔަކާއެކު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނޫރުލް އަމީން އޭނާ ދިރިއުޅޭ މއ. ހުކުރަދިގެ ދެވަނަ ފަންގިފިލާގައި އޮއްވައި އޭނާގެ ނުރުމުގައި އެ ގެއިން ނެރެގެއް ސައިކަލެއްގައި ގެންގޮސް މއ. ވަންދޫގެ ދެވަނަ ފަންގިފިލާގައި ހުރި ކޮޓަރިއަކަަށް ގަދަކަމުން ވައްދައި އެ ކޮޓަރީގައި ހުރި ގޮނޑިއެއްގައި، ބޭރަށް ނުނިކުމެވޭގޮތަށް ދެ ދުވަސްވަންދެން ގެންގުޅެފައިވާ ކަމަށެވެ.
އޭގެ ފަހުން އެ އެގެއިން ވެސް އޭނާ ނެރެގެން ގެންގޮސް އަނދުން ގޯޅީގައި ހުންނަ މ. ނެދުންގެއަށް ގެންގޮސް އެ ގޭގައި، ގެސްޓްހައުސްއެއްގޮތަށް ހަދާފައި ހުރި ތަނަކަށް ވައްދައި އެ ތަނުގެ ކޮޓަރިއެއްގައި ވެސް ދެ ދުވަސްވަންދެން ބަންދުކޮށްގެން އިތުރަށް ގެންގުޅެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ކުރީ، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއެެވެ.
މި ދައުވާއަށް އަބްދުﷲ މުއްތައްޒު އިންކާރު ކުރުމުން ދައުލަތުން ހެކި ހުށަހެޅިއެވެ.
އެ ހެކިތަކަށް ބެލުމަށްފަހު ކުރިމިނަލް ކޯޓުން ހުކުމް ކުރީ، ނޫރުލް އަމީންގެ ރުހުމެއްނެތި، އެއް ދުވަހަށްވުރެ ދިގު މުއްދަތަކަށް އޭނާ ހިފެހެއްޓުމުގައި އަބްދުﷲ މުއްތައްޒު އަމަލީގޮތުން އުޅެފައިވާކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ދެ މަސްދުވަހުގެ މުއްދަތަށް ގޭބަންދު ކުރުމަށާއި، 109،200 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް