އޮޅުވާލައިގެން ގެއަކަށް ގެންގޮސް މީހަކަށް އަނިޔާކޮށް، އޭނާއަތުން ފޭރުނު މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.
އެމީހުންގެ ބަންދުގައި ބެއިތިއްބުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވާގޮތުން، އެ މައްސަލައިގައި، ށ. ޅައިމަގު އަތަމާގެ ފާރިސް އަލީ ހައްޔަރުކުރީ، އޭނާ އާއި އިތުރު ބަޔަކާ ވެގެން މީހަކަށް އޮޅުވާލައިގެން ގެއަކަށް ގެންގޮސް އޭނާގެ އަތުން ބައެއް ސާމާނާއި ފައިސާ އަތުލައި އަނިޔާކޮށް ބިރު ދައްކާފައިވާ މައްސަލައެއްގައެވެ.
ފުލުހުން ބުނީ އެމީހާ ގެންދިޔަ ގޭގެ ކޮޓަރިން، މި ހާދިސީގައި އަނިޔާ ލިބުނު މީހާގެ ފޯނާއި ގަޑި ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ކަމަކީ ފާރިސްއަށް އެނގިގެން ހިނގައި ދިޔަ ކަމެއް ނޫން ކަމަށް ބަންދުގެ މަޖިލީހުގައި އޭނާ ވަނީ ބުނެފައެވެ.
މި މައްސަލައިގައި ހިމެނޭ ސ. ހިތަދޫ ގަނޑުވަރުގެ އައުސްއަލީ ހިލްމީ ހައްޔަރު ކުރީ، އިތުރުބަޔަކާ އެކު، މީހަކަށް އޮޅުވާލައިގެން ގެއަކަށް ގެންގޮސް އޭނާގެ އަތުން ބައެއް ސާމާނާއި ފައިސާ އަތުލައި އަނިޔާކޮށް ބިރު ދައްކާފައިވާ މައްސަލައިގައެވެ.
ނަމަވެސް ގަދަކަމުން މީހަކު ނުގެންދާ ކަމަށާއި އޭނާ ގޮވައިގެން ދިޔައީ އޭނާގެ ރުހުމުގައި ކަމަށް އައުސް ބުނެފައިވެއެވެ. އަދި އެ މީހާގެ ފޯނާއި ގަޑި، އެ ގޭގެ ކޮޓަރިން ފެނުނު މައްސަލައިގައި، ސުވާލު ކުރުމުން، ބުނެފައިވަނީ، އެ ގަޑިއަކީ އޭނާއަށް އެމީހާ ހަދިޔާއަކަށް ދިން ގަޑިއެއް ކަމަށެވެ.
މި މައްސަލައިގައި ތިން ވަނައަށް ހައްޔަރުކުރީ، މ. އިރާކުމާގެ މުހައްމަދު ނިޝާން ޖަމީލް އެވެ.
އޭނާ ބުނެފައިވަނީ، އެކަމުގައި އޭނާ ބައިވެރި ނުވާ ކަމަށެވެ. އަދި ދެންތިބި މީހުން ކޮޓަރިއަށް އައިއިރު އޭނާ އޮތީ ނިދާފައި ކަމަށާއި އެތަނުގައި ހިނގައި ދިޔަ ކަމެއް ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ.
މި އެންމެގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް