މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ރަހީނުކޮށް، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލާގައި ދައުވާލިބުނު މީހުންނާ ދެކޮޅަށް ހެކިބަސް ދޭން އަނިޔާލިބުނު މީހާ ކޯޓުގައި އިންކާރުކުރި ނަމަވެސް، ތަހުގީގަށް އޭނާ ދިން ބަޔާނަށާއި ދައުލަތުން ހުށަހެޅި ހެކިތަކަށް ބުރަވެ ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ނ. ހޮޅުދޫ، މިންވަރު، އަބްދުﷲ ރަޖީހު، 24 މެއި 2024 އިން ފެށިގެން އެއް މަސް ދުވަހު މއ. ބަގުފަޑިއާގެ އެޕާޓްމަންޓެއްގައި ބަންދުކޮށްގެން ތަޅައި އަނިޔާކޮށް، ޕައިޕް ކަޓަރަކުން އޭނާގެ ވައަތު ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލައެވެ. މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ރަޖީހު އެގެއިން ފިލައިގެން ގޮސް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ފުލުހުންގެ އެހީތެރިކަމަށް އެދުމުންނެވެ.
މި މައްސަލާގައި ކުރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމުގައި، އަމަލީ ގޮތުން އިނގިލި ބުރިކޮށްލި އަހްމަދު ސާއިފް ވަހީދަށް 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި އިނގިލި ބުރިކުރަން އަމުރުކޮށް އަނިޔާދިން އަލީ ސާމީ އާއި، އެކަމުގައި އެހީތެރިވި މުހައްމަދު ނައުޝާން ހުސައިން، މިއިން ކޮންމެ މީހަކަށް 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން، މި ހާދިސާ ހިނގިއިރު އެތަނުގައި ހުރި އެމްއެންޑީއެފްގެ މުވައްޒަފެއް ކަމަށްވާ އަހްމަދު ޒަޔާންގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތާއެކު އޭނާ ތަންފީޒުކުރަން ޖެހޭ އިތުރު މުއްދަތެއް ނެތެވެ.
މި މައްސަލާގައި ދައުވާލިބުނު މުހައްމަދު ނަފާހުގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ. ޝަރީއަތުގެ މަރުހަލާގައި އަނިޔާލިބުނު ރަޖީހު ވަނީ އޭނާއަށް އަނިޔާކުރި ބަޔަކު ނޭނގޭ ކަމަށާއި، ތަހުގީގަށް ބަޔާން ދިނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް ބުނެ ހެކިބަސް ބަދަލުކޮށްފައެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ނިންމެވީ، ރަޖީހު ތަހުގީގަށް ދީފައިވާ 15 ސޮފުހާގެ ބަޔާނަކީ ވަރަށް ތަފްސީލީ ބަޔާނެއް ކަމަށާއި، އެ ބަޔާނުގައިވާ ކަންކަން ސީސީޓީވީ ފުޓޭޖްތަކާއި ފޮރެންސިކް ހެކިތަކާ ދިމާވާ ކަމަށެވެ.
އެހެންކަމުން ކޯޓުގައި ރަޖީހު ދެއްކި ވާހަކައަކީ ދޮގެއް ކަމަށް ބަލައި، ތަހުގީގު ބަޔާނުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
ތަހުގީގު ބަޔާނުގައިވާ ގޮތުން މި ހާދިސާ ހިނގީ އަލީ ސާމީ ހަވާލުކުރި މަސްތުވާތަކެތި ގެއްލުނު މައްސަލައެއްގައެވެ. އެ ތަކެއްޗަށްވާ ފައިސާ ހޯދުމަށް ރަޖީހުގެ ކިޑްނީ ވިއްކާލުމަށް ނުވަތަ ރާއްޖެއިން ބޭރުން މަސްތުވާތަކެތި ގެނައުމަށް އޭނާއަށް މަޖުބޫރުކޮށް، އެކި ގޭގޭގައި ބަންދުކޮށްގެން އަނިޔާކުރަމުން ދިޔައީއެވެ. އިނގިލި ބުރިކޮށްލުމަށްފަހު، ހޫނުކޮށްފައިވާ ވަޅިއަކުން އެތަނުގައި ޖައްސައި އިތުރު އަނިޔާ ދީފައިވާކަންވެސް ތަހުގީގުން ވަނީ ހާމަވެފައެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް