ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ޕޯޗުގަލްއިން ކުޅުނު މެޗުގައި އަރްމޭނިއާ ކައިރިން ބޮޑު މޮޅެއް ހޯދި އިރު، އިންގްލެންޑުން މޮޅުވުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
ޕޯޗުގަލްއިން ރޭ ރަށުން ބޭރުގައި އަރްމޭނިއާ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. ދުނިޔޭ ރޭންކިން 105 ވަނައިގައި އޮތް އަރްމޭނިއާ ކައިރިން ހަވަނައިގައި އޮތް ޕޯޗުގަލް ފަސޭހަ މޮޅެއް ހޯދި އިރު، އެމެޗުގެ ކުރިންނާއި، މެޗުގެ ތެރެއިންވެސް އެކްސިޑެންޓްގައި މަރުވި ޕޯޗުގަލްގެ ފޯވަޑް ޑިއޭގޯ ޖޮޓާއަށް ހާއްސަކަން ދީފައިވެއެވެ.
ރޭގެ މެޗަކީ ޖޮޓާ ވަކިވުމުގެ ފަހުން ޕޯޗުގަލްއިން ކުޅުނު ފުރަތަމަ މެޗެވެ. ސަޕޯޓަރުންގެ ފަރާތުން ޖޮޓާއަށް ހާއްސަ ކަންތައްތަކެއް ފެނިގެން ދިޔުމުގެ އިތުރުން ރޭގެ މެޗުގައި ރުބެން ނެވޭސް ލާފައި ވަނީ ޖޮޓާގެ 21 ނަމްބަރު ޖާޒީއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްއިން ތިން ގޯލު ޖަހާފައިވާ އިރު، އެ ގޯލުތައް ޖެހީ ޖުއާއޯ ފެލިކްސްއާއި ރޮނާލްޑޯގެ އިތުރުން ޖުއާއޯ ކާންސެލޯއެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ވޮލީއެއްގައި ރޮނާލްޑޯ އޭނާގެ ދެވަނަ ގޯލު ޖަހައި، ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު 140 އަށް މައްޗަށް ޖައްސާލާފައިވާ އިރު، ފަސްވަނަ ގޯލުވެސް ޖެހީ ފުރަތަމަ ގޯލު ޖެހި ފެލިކްސްއެވެ.
ރޭގެ މެޗަކީ ކޮލިފިކޭޝަން ގްރޫޕް އެފްގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗެވެ. އެ ގްރޫޕުގައި ރޭ ހަންގޭރީއާއި އަޔަލޭންޑްވީ އެއްވަރެވެ.
ގްރޫޕް ކޭގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވަމުން އަންނަ އިގްލެންޑުން ރޭ އެންޑޯރާ ކައިރިން 2-0 އިން މޮޅުވި އިރު، އެޓީމުގެ އާ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން މިހާތަނަށް އެޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.
ފުރަތަމަ ހާފުގައި ކްރިސްޓިއަން ގާސިއާ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު އިންގްލެންޑުން މެޗުގެ ލީޑު ނެގި އިރު، ދެވަނަ ގޯލަކީ 67 ވަނަ މިނެޓުގައި ޑެކްލަން ރައިސް ކާމިޔާބުކޮށްދިން ގޯލެކެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން