ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ނަމުގައި ސްރީ ލަންކާއިން ކުރިއަށް ގެންދާ މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާ އެގައުމުގައި ބޮޑު ބައްޔަކުން ބަލިކުރެވުނީ ކުޅުންތެރިން ދެއްކި އާދަޔާހިލާފު ހިތްވަރުން ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ދެކުނު އޭޝިއާ ސުޕަ ކަޕްގައި ރާއްޖެއާއި ލަންކާ ވާދަކުރާ އިރު، އެ މުބާރާތުގައި ކުޅޭނީ ޖުމުލަ ދެމެޗެވެ. އެގްރިގޭޓް ނަތީޖާއަށް ބަލައި ދެމެޗުން ޗެމްޕިއަން ކަނޑައަޅައި މުބާރާތުގެ ފުރަތަމަ ލެގުގައި އިއްޔެ ރާއްޖެއިން ލަންކާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މޮޅާއެކު ރާއްޖެއިން އެ މުބާރާތް ކާމިޔާބުކުރުމާ ގާތަށް ޖެހިލި އިރު، އަނެއް ލެގު އޮންނާނީ ނުވަވަނަ ދުވަހުއެވެ. އެމެޗުވެސް އޮންނާނީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައެވެ.

"އަލްހަމްދު ﷲ. ނަތީޖާއަކީ 3-0 ނަމަވެސް، މިއީ ފަސޭހަ މެޗެއް ނޫން. މިއީ ވަރަށް އުނދަގޫ މެޗެއް. ސްރީ ލަންކާ ވަރަށް ރަނގަޅަށް ކުޅުނު. އެހެންވިޔަސް، މިއީ ކުޅުންތެރިން ކުރަ ތަފާތު ބުރަ މަސައްކަތެއް. އަހަރެން މެޗުގެ ކުރިންވެސް ބުނިން، ނަތީޖާއެއް ނޫނޭ މުހިއްމީ. މުހިއްމީ ކުޅުންތެރިން ލާ އެފޮޓޭ. އެއީ އެ އެފޮޓް މެޗުގައި ފެނިއްޖެނަމަ، އެނގޭނެ އަހަރެމެންނަށް ކުރެވުނު އެންމެ ބުރަކޮށް މަސައްކަތް ކުރިކަން. މިއަދު އަހަރެމެން ޓީމުން އެ ކުރީ އެކަންތައް. އަހަރެމެންނަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކުރީ،" އިއްޔެގެ މެޗަށްފަހު މޯހަން ބުންޏެވެ.

މޯހަން ގައުމީ ޓީމާ ހަވާލުވިފަހުން، މަދު ޕްރެކްޓިސްތަކަކަށްފަހު އިއްޔެގެ މެޗަށް ނުކުމެފައިވާ އިރު، އެ މެޗަށް ރާއްޖެ ނުކުތީ އޭގެ ކުރިން ކުޅެފައި އޮތް ފަސް މެޗުން ބަލިވުމުގެ ސިލްސިލާ ނިންމުމަށެވެ. އެކަން ކުރެވުމުން މޯހަން ހިތްހަމަ ޖެހުނު ނަމަވެސް، އޭނާ ބުނީ މުބާރާތް ކާމިޔާބުކުރުމަށް އިއްޔެގެ ނަތީޖާއިން ފުއްދާލެވެން ނެތް ކަމަށެވެ.

"އަހަރެމެން މި ނަތީޖާއަށް އެކަނި ނުވިސްނާނަން. ދެން އޮތް މެޗު މުހިއްމުވާނީ. އަނެއް މެޗަށް ނުކުންނަ އިރު، މި މެޗުގެ ނަތީޖާ އަހަންނެއް ނުގުނާނަން. އެމެޗުގެ ނަތީޖާ އަހަރެމެންނަށް ދެން މުހިއްމުވާނީ،" މޯހަން އުފާވެފައި ހުރެ ބުންޏެވެ.

24 މާޗް 2022: މާލެ، ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި ލަނޑުޖެހުމަށްފަހު ރާއްޖޭގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އުފާފާޅުކުރަނީ --- ވަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

އިއްޔެގެ މެޗަށްފަހު، މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ބުނީ ކުޅުންތެރިން ކުރި މަސައްކަތް ކާމިޔާބުކަމަށާއި، އަދިވެސް އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށެވެ.

"އަލްހަމްދު ﷲ ޝުކުރު. މިއީ ހުރިހާ ކުޅުންތެރިންވެސް ކުރި ބުރަ މަސައްކަތް. ވަރަށް އުނދަގޫ މެޗެއް. އައި އިރުވެސް އެނގޭ ސްރީ ލަންކާއާ ދެކޮޅަށް ކުޅެން އުނދަގޫވާނެކަން. އެހެންވީމަ ހުރިހާ ކުޅުންތެރިންވެސް އެފޮޓް ލައިގެން މި މެޗު ވަރަށް ރަނގަޅަށް ކާމިޔާބުކުރެވުނީ. މިއަށްވުރެވެސް ރަނގަޅަށް އަދި ކުޅެވޭނެ،" ފޭދޫ އިއްބެ އިއްބެ ބުންޏެވެ.