ޔޫއެފާގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ޔުކްރެއިން ކައިރިން މޮޅުވި އިރު، ޖެނާރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން އިޓަލީ ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ކޮލިފިކޭޝަން ގްރޫޕް އައިގައި އިޓަލީން ރޭ އެސްޓޯނިއާ ކައިރިން މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ކޮލިފިކޭޝަންގައި އިޓަލީ ތިން މެޗު ކުޅުނު އިރު، ގަޓޫސޯ ހަވާލުވުމުގެ ކުރިން އެންމެފަހުން ކުޅުނު މެޗުގައި އެޓީމު ވަނީ ނޯވޭ އަތްދަށުވެފައެވެ.

ނޯވޭ އަތުން ބަލިވުމާއެކު އިޓަލީއަށް ވޯލްޑް ކަޕަށް ކޮލިފައިވާ އޮތީ އުނދަގޫ މަގެއް ނަމަވެސް، އިޒްރޭލާ ދެކޮޅަށް ދެން ކުޅެން އޮތް މެޗުން މޮޅުވެ، އެޓީމަށް އަމިއްލަ ބާރު ދެމެހެއްޓުމަށް ފުރުސަތު އެބައޮތެވެ.

މިވަގުތު ގްރޫޕްގެ އެއްވަނައިގައި ނޯވޭ އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އިޒްރޭލު އޮތް އިރު، އިޓަލީ އޮތީ ތިންވަނައިގައެވެ.

ރޭ އަމިއްލަ ގައުމުގައި އިޓަލީން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން ގިނަ ފުރުސަތުތަކެއް ބޭކާރު ކުރިތަން ފެނިގެން ގޮސްފައިވާ އިރު، ފަސް ގޯލުވެސް ޖެހީ ދެވަނަ ހާފުގައެވެ.

އިޓަލީގެ ގޯލުތައް ޖަހައިދިނީ މޮއިސް ކީންއާއި މަޓެއޯ ރެޓެގީގެ އިތުރުން ޖިއަކޯމާ ރަސްޕަޑޯރީ އަދި އެލެސާންްޑްރޯ ބަސްޓޯނީއެވެ. ރެޓެގީ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

ފްރާންސުން ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ޕޮލެންޑްގައި ޔުކްރެއިން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޔުކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޕޮލެންޑްގައި މެޗު ކުޅެފައިވާ އިރު، ކުރީކޮޅުގައި އެޓީމުން ލީޑުވެސް ނެގިއެވެ.

މައިކަލް އޮލީސޭ ޖެހި ގޯލުން ފްރާންސް ލީޑު ނަގާފައިވާ އިރު، އެޓީމަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ދެވަނަ ގޯލު ޖެހީ ކިލިއަން އެމްބާޕޭއެވެ. އެއީ އޭނާ ފްރާންސް ގައުމީ ޓީމަށް ޖަހައިދިން 51 ވަނަ ގޯލެވެ.

އެމްބާޕޭ ރޭ ޖެހި ގޯލާއެކު، ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނައިގައި އޮތް ތިއެރީ އޮންރީއާ އޭނާ ވަނީ އަރާ ހަމަކޮށްފައެވެ. ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔަކީ އޮލިވިއާ ޖިރޫއެވެ. އޭނާ ވަނީ 57 ގޯލު ގައުމީ ޓީމަށް ޖަހައިދީފައެވެ،