ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާއިން ކުޅުނު އެންމެފަހު ހޯމް މެޗުގައި އެޓީމުން ވެނެޒުއޭލާ ބަލިކޮށްފިއެވެ.

އާޖެންޓީނާގެ އެސްޓާޑިއޯ މާސް މޮނިއުމެންޓަލްގައި ރޭ ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ކެޕްޓަން، އުމުރުން 38 އަހަރުގެ ލިއޮނަލް މެސީއަށް ހާއްސަވީ މެޗެކެވެ.

މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކާ ހަމައަށް ގޮސްފައިވާ އިރު، ރޭ ކުޅުނު މެޗަކީ އާޖެންޓީނާ ސަޕޯޓަރުން ކުރިމަތީގައި އޭނާ ގައުމީ ޖާޒީގައި ކުޅުނު ވާދަވެރި ފަހު މެޗެވެ. ކޮލިފިކޭޝަންގައި އާޖެންޓީނާއަށް އިތުރު މެޗެއް އޮތް ނަމަވެސް، އެ މެޗަކީ ރަށުން ބޭރުގައި އޮތް މެޗެކެވެ.

މެޗުގެ ކުރިން މެސީއަށް ހާއްސަ ޝަރަފެއް ދީފައިވާ އިރު، ސްޓޭޑިއަމް ފުރާލާފައި އޮތް 80،000 ސަޕޯޓަރުން ދިޔައީ އޭނާގެ ނަން ގުގުމަމުންނެވެ. މިހާތަނަށް އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ތާރީހުގެ އެންމެ މޮޅު ކުޅުންތެރިޔާ އޭނާގެ ދަރިންނާއެކު ދަނޑު މައްޗަށް އެރުމާއެކު، އޭނާ ހުރީވެސް ފެންކަޅިވެފައެވެ.

ގައުމީ ޓީމަށް ރެކޯޑު 194 މެޗުން 114 ގޯލު ޖަހައިދީފައިވާ މެސީ ސަޕޯޓަރުންނަށް ބުނީ އާޖެންޓީނާ ރައްޔިތުންނަށްޓަކައި ގައުމީ ޓީމާއެކު ކުޅުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެން ކަމަށާއި، އެކަން ހާސިލުވެ، އެތައް އަހަރަކު އެކަން ކުރެވުނީތީ އުފާކުރާ ކަމަށެވެ.

މެސީ ބުނީ އެމެރިކާގައި ކުރިއަށް އޮތް ވޯލްޑް ކަޕް 2026 ކުޅެން އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، ރޭގެ މެޗަކީ ސަޕޯޓަރުން ކުރިމަތީ އަމިއްލަ ގައުމުގައި ގައުމީ ޖާޒީގައި ކުޅޭ ވާދަވެރި ފަހު މެޗު ކަމަށެވެ.

މެސީ ފުރަަތަމަ ހާފުގައި ގޯލު ޖަހައި އާޖެންޓީނާއަށް ލީޑު ނަގައިދިން އިރު، ދެން ދެ ގޯލުވެސް ފެނުނީ ފަހުކޮޅުގައެވެ. އޭގެ ތެރެއިން ފަހު ގޯލު މެސީ ޖެހި އިރު، އަނެއް ގޯލު ޖެހީ ލައުޓާރޯ މާޓިނޭޒްއެވެ.

މެސީ އާޖެންޓީނާއާއެކު ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ އިރު، އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް އާޖެންޓީނާ އޮތީ ދެކުނު އެމެރިކާއިން ވޯލްޑް ކަޕް ޖާގައެއް ޔަގީންކޮށްފައެވެ.