މިވަގުތު ރޭންކިންނަށް ބަލައި، މި ސަރަހައްދުގައި އިންޑިއާ ފަހަތުން ދެވަނައިގައި އޮތީ ރާއްޖެ ނަމަވެސް، ސްރީ ލަންކާ އަކީ އަވަސް އަވަހަށް ކުރިއަރަމުން ބަދަލުވަމުން އަންނަ ވަރުގަދަ ޓީމެއް ކަމަށް ގައުމީ ޓީމުގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މިވަގުތު ލަންކާގައި ތިބި އިރު، މިމަހު ހައެއް އަދި ނުވައެއްގައި އެގައުމުގައި ގައުމީ ޓީމާ ދެކޮޅަށް ދެމެޗު ކުޅޭނެއެވެ. އެ ދެމެޗަކީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ރާއްޖެއާއި ލަންކާ ވާދަކުރާ މުބާރާތެކެވެ.
ރާއްޖޭގެ ގައުމީ ޓީމުން އެންމެފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވެ، ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، 2021 ވަނަ އަހަރު ފޯނޭޝަންސް ކަޕުގައި ރާއްޖެއާއި ލަންކާ ވަނީ 4-4 އިން އެއްވަރުވެފައެވެ. އޭގެފަހުން، އެންމެފަހުން ރާއްޖެއާއި ލަންކާ 2022 ވަނަ އަހަރު އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ކުޅުނު އިރު، އެމެޗުން ރާއްޖެ މޮޅުވީ 1-0 އިންނެވެ.
"ރާއްޖޭގެ ފުޓުބޯޅައަށް ބަލާއިރު، ކުރިއަށް މިއޮތް ދެމެޗަކީ ވަރަށް މުހިއްމު ދެމެޗެ. އެއީ އަޅުގަނޑުމެން ޕަބްލިކަށް އެބަޖެހޭ އެއްޗެއް ސާބިތުކޮށްދޭން. އެއީ އެންމެ މުހިއްމު އެއްކަމަކީ. ކުރިން ފާހަގަކުރިހެން ހާލަތު އެންމެ ރަނގަޅެއް ނޫން. އެއީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި މި އުޅެނީ ކްލަބު ފުޓުބޯޅަ ފަށަންވެސް. ލީގު ނުކުޅެ ކުޅުނު ގައުމީ ޓީމު މެޗުތަކުގެ ނަތީޖާވެސް އެންމެ ރަނގަޅެއް ނޫން ހަގީގަތުގައި. ހުރިހާ ކަމެއްވެސް އަންނަނީ މުބާރާތެއް ނުކުޅެ، ލީގު ނުކުޅެ މެޗުތައް ކުޅެން ޖެހުމުން އަންނަ ދަތިތަކެއް،" މޯހަން ލަންކާއަށް ފުރުމުގެ ކުރިން، ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި ފާހަގަކުރިއެވެ.
މޯހަން ބުނީ ކުރިއަށް އޮތް ދެމެޗަށް އެންމެ ރަނގަޅަށް ތައްޔާރުވާން ފުރުސަތު ނުލިބުނު ނަމަވެސް، ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކޮށްލަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ކުޅުންތެރިން ޓެކްޓިކަލީ އެންމެ ރަނގަޅަށް ތައްޔާރުވެފައި އޮތް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. މޯހަން ބުނީ މިވީ ހައެއްކަ ދުވަހު އެންމެ ރަނގަޅަށް ފިޓްނަސް ނުގެނެވުނު ނަމަވެސް، މަސައްކަތު ރޭޓް ފެންނާނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
އެއާއެކު ކޯޗު މޯހަން ބުނީ ލަންކާއަކީ މިދިޔަ ދެތިން އަހަރުގައި ތަފާތު ލެވެލްއެއްގައި ކުރިއަރަމުން އައި ޓީމެއް ކަމަށާއި، އެ ތަފާތު މެޗުތަކުން ފެންނާނެ ކަމަށްވެސް ބުނެފައެވެ.
"ލަންކާ މިހާރު އެއީ ވަރަށް ތަފާތު ގައުމެއް. ކުރިން ބޮޑު ބޯޅަތައް ޖަހައިގެން ކުޅުނަސް މިހާރު އެއީ ވަރަށް ޕާސް ގިނަ ޓީމެއް. ބޭރު ގައުމުތަކުގައި ތިބި ލަންކާއަށް ނިސްބަތްވާ ކުޅުންތެރިން ލަންކާއާ ގުޅި، ނެޗުރަލައިޒް ކުޅުންތެރިންނާއެކު ލަންކާ ވާނީ އުނދަގޫ ޓީމަކަށްވެފައި. ގައުމުން ބޭރުގައި ގަވާއިދުން ވަރުގަދަކޮށް ކުޅޭ ކުޅުންތެރިންނާއެކު ލަންކާއަކީ މިހާރު މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމު،" މޯހަން ބުންޏެވެ.
ލަންކާއާ މިވަގުތު ހަވާލުވެ ހުރީ، ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލަށް އިރުޝާދު ދިން އަބްދުﷲ އަލް މުތައިރީއެވެ. އޭނާގެ ނަޒަރުގައި އަދިވެސް ރާއްޖެއަކީ އިންޑިއާގެ ފަހަތުން ސަރަހައްދުގެ ދެވަނައެވެ. އެކަމަށް މޯހަން ޖަވާބުދިން އިރު، މޯހަން ބުނީ، އެ ވާހަކަ ކޯޗު ބުނީ މިދިޔަ ދެތިން އަހަރު ރާއްޖޭގެ ފުޓުބޯޅަ ވެއްޓުނު އަނދަވަޅަށް ނުވިސްނާ ކަމަށް ވެދާނެ ކަމަށެވެ.
"އިންޑިއާ ނަގާފައި އަޅުގަނޑުމެން ރޭންކިން އަށް ބަލާފައި ދެވަނަ ގޮތުގައި އޮތް ނަމަވެސް، މިވޭތުވެދިޔަ ތިން ހަތަރު އަހަރެއް، ހަގީގަތަކީ އަޅުގަނޑުމެން ފުޓްބޯޅަ މިއޮތީ ހާލަތު ކުޑަކުޑަކޮށް ދަށްކޮށް ގޮސްފައި. އެހެން ގައުމުތަކުގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅަށް މިދިޔައީމިދިޔަ ދެތިން އަހަރު. އެއީ ވަރަށް ބޮޑު ބަދަލެއް. ފަހަރެއްގައި ލަންކާ ކޯޗަށް އެކަން ނޭނގި އިނދެދާނެ، އަޅުގަނޑުމެންގެ ފުޓްބޯޅައިގެ ހާލަތު މިދިޔަ ދެތިން އަހަރެއްގައި ކިހިނެއްތޯ ދިޔައީ ރާއްޖޭގައި،" މޯހަން ބުންޏެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު