ގައުމީ ޓީމަށް ބަދަލު ގެނައުމަކީ މުހިއްމު ކަމެއް ކަމަށާއި، ޓީމަށް އެރުމަށް ކޮންމެ ކުޅުންތެރިޔަކަށްވެސް ފުރުސަތު އޮތްކަމުގެ ޔަގީންކަން ދޭ ކަމަށް ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ދާދިފަހުން ގައުމީ ޓީމުގެ ކޯޗަކަށް މޯހަން ހަމަޖައްސާފައިވާ އިރު، މޯހަންއާއެކު ޓީމު މިހާރު ވަނީ ސްރީ ލަންކާއަށް ގޮސްފައެވެ. އެއީ މިމަހު ހައެއް އަދި ނުވައެއްގައި ލަންކާއާ ދެކޮޅަށް ކުޅުމަށެވެ. އެ ދެމެޗަކީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ރާއްޖެއާއި ލަންކާ ވާދަކުރާ މުބާރާތެކެވެ.
ލަންކާއާ ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު މޯހަން ބުނީ މިފަހަރު ޓީމު ނަގަން ޖެހުނީ މާ ބޮޑަށް މެޗުތަކަށް ނުބެލި ނަމަވެސް، އެކަން ބަދަލުކުރާނެ ކަމަށެވެ. ސީޒަން ނުފެށި ދިގުލައިގެން ގޮސް، ކްލަބުތަކުގެ ޕްރެކްޓިސްތައްވެސް މެދުކެނޑިފައި ދުވަސްތަކެއް އަޮތުމަށްފަހު، އަލުން ފަށައިގަނެގެން މަސައްކަތްތަކެއް ކުރަމުންދާ އިރު، މޯހަން ބުނީ ކުރިއަށް އޮތްތަނުގައި ޓީމު ނަގާނީ ކްލަބު ފަރިތަކުރުންތަކަށްވެސް ބަލައިގެން ކަމަށެވެ.
""ބަދަލު އަންނާނެ ގައުމީ ޓީމަށް އަބަދުވެސް. ޓީމަށް ނަގާނީ ކްލަބު ޕްރެކްޓިހާއި މެޗުތަކުގައިވެސް ރަނގަޅު ކޮމިޓްމެންޓް ދޭ ކުޅުންތެރިން. ކްލަބްތަކުގެ ކޯޗުންނާ ވެސް އިރާދަކުރެއްވިއްޔާ މަޝްވަރާކޮށް ވާހަކަ ދެކެވިގެން އަޅުގަނޑު ޓީމު ނަގާނީ. ނަމަކަށް ބަލައިގެން ގައުމީ ޓީމަކަށް ނުނަގާނަން. މި ފަހަރު މުބާރާތެއް ނެތި ދާއިރު މާ ބޮޑު ބަދަލެއް ނައިކަމުގައި ވީ ނަމަވެސް، މުސްތަގުބަލުގައި ގައުމީ ޓީމަށް ކޮންމެ ކުޅުންތެރިއަކަށް ވެސް ފުރުސަތު އޮންނާނެ. ނަމެއް ނޫން މުހިންމުވަނީކީ އެ ކުޅުންތެރިޔާ ކުރާ މަސައްކަތް، ދަނޑުމަތީގައި ކްލަބްގައި އެ ޕާފޯމްކުރާ ޕާފޯމަންސް މުހިއްމު ވާނީ،" މޯހަން ބުންޏެވެ.
ގިނަ ކްލަބުތަކަށް ކުރިން ކޯޗުކަން ކޮށްދިން އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މޯހަން ބުނީ މިހާރު ރާއްޖޭގެ ފުޓުބޯޅަ އޮތީ ދަތި ހާލަތެއްގައި ނަމަވެސް، މިފަހަރު ޓީމަށް ނެގި ކުޅުންތެރިންގެ މަސައްކަތް މިދިޔަ ހައެއްކަ ޕްރެކްޓިހުގައި ވަރަށް ރަނގަޅަށް ފެނުނު ކަމަށެވެ.
މިފަހަރު ރާއްޖެއިން ކުޅޭ ދެމެޗުވެސް އެގައުމުގައި ކުޅޭ އިރު، 2021 ވަނަ އަހަރު ފޯނޭޝަންސް ކަޕުގައި ރާއްޖެއާއި ލަންކާ ވަނީ 4-4 އިން އެއްވަރުވެފައެވެ. އޭގެފަހުން، އެންމެފަހުން ރާއްޖެއާއި ލަންކާ 2022 ވަނަ އަހަރު އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ކުޅުނު އިރު، އެމެޗުން ރާއްޖެ މޮޅުވީ 1-0 އިންނެވެ.
އޭރު ލަންކާގައި އޮތް ޓީމާ، މިހާރު އޮތް ޓީމާ ވަރަށް ބޮޑަށް ތަފާތުވެފައިވާ އިރު، ކޯޗު މޯހަން ބުނީ ލަންކާ މިހާރު އުނދަގޫވާނެ ކަމަށެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު