އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީން، ޕީއެސްޖީގެ އިޓަލީ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ޑޮނަރޫމާއަކީ މިދިޔަ ސީޒަނުގައި ޕީއެސްޖީން ހޯދި ކާމިޔާބީތަކުގެ މުހިއްމު ދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ. ހާއްސަކޮށް އެޓީމުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގައި ޑޮނަރޫމާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އެހެން ނަމަވެސް، އުމުރުން 26 އަހަރުގެ ޑޮނަރޫމާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ދެން އާ ނުކުރަން އެ ކްލަބުން ނިންމާފައި ވަނީ އުމުރުން 23 އަހަރުގެ ފްރާންސް ކީޕަރު ލޫކަސް ޝެވަލިއޭވެސް ގެންދިޔުމަށްފަހުއެވެ.

ކުއްލިއަކަށް ޕީއެސްޖީން ނިންމި ނިންމުމާ ގުޅިގެން ޑޮނަރޫމާއާއި ކްލަބާ ދެމެދު މައްސަލަ ގޯސްވެގެން ގޮސްފައިވާ އިރު، އޭނާ ބުނީ ކްލަބުގައި މަޑުކުރަން ބޭނުންވެފައި ހުއްޓައި، ކޯޗު ލުއިސް އެންރީކޭ އޭނާ ބާކީކޮށްލި ކަމަށެވެ.

ކޯޗާ ޖެހުނު މައްސަލައިގައި ޑޮނަރޫމާ ރަސްމީކޮށް ޕީއެސްޖީއާ އަލްވަދާއު ކިޔާފައިވާ އިރު، ހަބަރުތައް ބުނެފައި ވަނީ ސިޓީއަށް ދާން އޭނާ ކްލަބާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ ޑޮނަރޫމާއާއި ސިޓީން އެއްބަސްވުމަކަށް އައިސް، މިހާރު ދެ ކްލަބުގެ ދެމެދުގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ޑޮނަރޫމާ ގެންދަން ސިޓީން މަސައްކަތް ކުރަމުންދާ އިރު، އެޓީމުން މިހާތަނަށް ސީޒަނުގައި ކުޅުނު ދެމެޗުގައިވެސް ގޯލު ބެލެހެއްޓީ އުމުރުން 22 އަހަރުގެ ޖޭމްސް ޓްރެފޯޑެވެ. އެންމެފަހުން މެޗުގައި ޓޮޓެންހަމް ކައިިރިން ސިޓީ ބަލިވި އިރު، ޓްރެފޯޑުގެ ގޯހެއް ފެނިގެން ގޮސްފައިވެއެވެ.

އެޑަސަން ފިޓްކޮށް ހުރި ނަމަވެސް، ޓްރެފޯޑަށް ފުރަތަމަ 11 އިން ޖާގަ ދީގެން ޕެޕް ގާޑިއޯލާ ކުޅުވަމުންދާ އިރު، ހަބަރުތައް ބުނެފައި ވަނީ ތުރުކީ ލީގުގެ ގަލަޓަސަރާއީއަށް އެޑަސަން ވިއްކާލަން ސިޓީން މަސައްކަތްކުރަމުންދާ ކަމަށެެވެ.