މާލޭ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ތިން ޑްރެޖަރު ގެންނަން ހަމަޖެހިފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން މިއަދުކުރި އިއުލާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށްވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުން ކަމަށެވެ. އެޗްޑީސީން ބުނީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ހުޅުމާލެ ފޭސް ތިނެއް، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިސްވެ ދެންނެވުނު ބިންތައް ހިއްކުމުގެ މަޝްރޫއުތައް ހަލުވިކުރުމަށްޓަކައި، މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖާއާއި 11،000 ޓަނުގެ ހޮޕާ ޑްރެޖާއެއް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތްތައް ހުއްޓުމެއްނެތި ހަލުއިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި، އެ މަސައްކަތް ގެންދިއުމުގައި ދިމާވެދާނެ އިތުރު ގޮންޖެހުންތައް ކުރިއާލާ ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި، ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެެ.