ވޯލްޑް ކަޕް 2026 ގެ ކޮލިފިކޭޝަނުގައި އާޖެންޓީނާއިން ކުޅެން އޮތް ފަހު މެޗުތަކުގެ ސްކޮޑުގައިވެސް ކެޕްޓަން ލިއޮނަލް މެސީ ހިމަނައިފިއެވެ.

އުމުރުން 38 އަހަރުގެ މެސީ އާޖެންޓީނާގެ ސްކޮޑަށް ނަގާފައިވާ އިރު، އޭނާ މިވަގުތު ކުޅެމުން އަންނަނީ އަނިޔާއެއްގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. މެސީއަށް އޮގަސްޓް ދެވަނަ ދުވަހު އަނިޔާވީ އިންޓަ މިއާމީން ލީގްސް ކަޕުގައި ކުޅުނު މެޗެއްގައެވެ.

އަނިޔާއިން ރަނގަޅުވެ، މިދިޔަ ހަފުތާގައި އެނބުރި ދަނޑު މައްޗަށް ނުކުމެ، އިންޓަ މިއާމީން ކުޅުނު މެޗުގައި މެސީ ވަނީ ގޯލެއް ޖަހައި އެސިސްޓެއްވެސް ފުރިހަމަ ކޮށްދީފައެވެ. އެއީ އެލްއޭ ގެލެކްސީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

މެސީއާއެކު އާޖެންޓީނާގެ 31 ކުޅުންތެރިންގެ ސްކޮޑު އިއުލާނު ކޮށްފައިވާ އިރު، ކޯޗު ލިއޮނެލް ސްކަލޯނީ ވަނީ ޒުވާން ތަރިންތަކެއްވެސް ސްކޮޑުގައި ހިމަނައިފައެވެ. އެގޮތުން މެންޗެސްޓާ ސިޓީގެ ފޯވަޑް ކްލައުޑިއޯ އެޗެވެރީއާއި ޕޯޓޯގެ މިޑްފީލްޑަރު އެލެން ވަރޭލާގެ އިތުރުން ރެއާލް މެޑްރިޑަށް އަލަށް ގެންދިޔައި ފްރޭންކޯ މަސްޓަންޓުއޯނޯއަށްވެސް ސްކޮޑުން ޖާގަ ދީފައިވެއެވެ.

އާޖެންޓީނާއިން މިފަހަރު ކޮލިފިކޭޝަންގައި ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު ނުކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ. އެއީ އަމިއްލަ ގައުމުގައެވެ. އޭގެ ފަސް ދުވަސް ފަހުން ދެން ރަށުން ބޭރުގައި ކުޅޭނީ އެކުއެޑޯއާ ދެކޮޅަށެވެ.

އާޖެންޓީނާއިން އެންމެފަހުން ކުޅުނު ކޮލިފިކޭޝަން ދެމެޗުގައި ބްރެޒިލާއި އުރުގުއާއީ ބަލިކޮށް ކޮލިފިކޭޝަން ޔަގީންކުރި އިރު، އެ ދެމެޗުގައިވެސް މެސީ ނުކުޅެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. މެސީ ކުޅެފައި ވަނީ އެފަހަރު ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. އެއީ ޗިލީއާ ދެކޮޅަށް ކުޅުނު މެޗެކެވެ.