ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލެއް އިމާރާތްކޮށް، ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރުމަށް ހައުސިން ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސަރުކާރު މެދުވެރިވެ ދީފައިވާ ބިމާއި މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އިމާރާތެއް ހެދުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދީފައިވާ ބިމުގައި ކަންތައްތައް ހިނގާފައިވާ ގޮތް ބަލައި، އެކަންކަން ރަނގަޅު ކުރުމަށް އެފްއޭއެމްއިން މަސައްކަތް ފަށައިފިއެވެ.

އެފްއޭއެމްގެ އާ އެކްސްކޯގެ ދެވަނަ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ނިންމާފައިވާ އިރު، އެކަންކަން މީޑިއާއަށް ވަނީ ހިއްސާ ކޮށްފައެވެ. އޭގެ ތެރެއިން އެއް ކަމަކީ އެޗްޑީސީން ކުރިް ދިން ބިމުގައި ހިނގާފައިވާ ކަންކަން ބެލުމަށް އޮޑިޓެއް ހެދުމަށް ނިންމުމުގެ އިތުރުން، އެ އޮޑިޓަށް އޮޑިޓާ ޖެނެރަލްގެ އެހީތެރިކަމަށް އެދެން ނިންމުމެވެ.

އެޗްޑީސީން، ރައީސް އޮފީސް މެދުވެރިވެގެން ހުޅުމާލެއިން 2018 ވަނަ އަހަރު އެފްއޭއެމަށް ދިން ދެ ލައްކާ ތިރީސް ހާސް އަކަފޫޓުގެ ބިމަކީ ހައިޕާފޯމަންސް، އެލީޓް ފުޓްބޯޅަ ސްކޫލެއް ހަދަން ދިން ބިމެކެވެ. އެ ބިމަކީ ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށާއި ފުޓުބޯޅައިގެ ޒުވާން ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ފުޓްބޯލް ސްކޫލެއް ގާއިމުކުރުމަށް ދީފައިވާ ބިމެކެވެ. އެތަނުގެ މަސައްކަތްތައް ކޮށް، އިމާރާތްތައްވެސް ކޮށްފައިވަނިކޮށް، އެ ބިން އެފްއޭއެމް އަތުން މިހާރު ވަނީ ނަގައިފައެވެ. އެހެން ނަމަވެސް، ފަހުން އެފްއޭއެމްއިން ވަނީ އެ ބިން އަލުން ދޭންވެސް އެދިފައެވެ. އެކަމަށް މިހާރު ދަނީ މަޝްވަރާ ކުރުމެވެ.

އެޗްޑީސީން އެ ބިން ނެގީ އެތައް ކަމެއްގެ ތެރެއިން ބޮޑެތި އޮޅުވާލުންތަކެއް އެ ބިމުގައި މިހާރު އެކުލެވޭތީއެވެ. އެގޮތުން އެފްއޭއެމްއިން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުގައި އެ ބިމުގެ ސްލޮޓްތައް ދޫކޮށްފައިވާކަންވެސް ވަނީ އެނގިފައެވެ. އެކަންކަމުގެ ފުރިހަމަ މައުލޫމާތު ލިޔެކިޔުންތަކުންވެސް ފެންނަން ނެތް އިރު، އެފްއޭއެމްއިން އެދިފައި ވަނީ އެ ބިމުން ސަބްލީސް ކުރި ފަރާތެއް އަތުގައި ސައްހަ އެއްބަސްވުމެއް އޮތް ނަމަ، އެކަން ހިއްސާ ކުރުމަށެވެ.

މާފަންނު ސްޓޭޑިއަމްގައި ހަދަމުންދާ އިމާރާތަކީވެސް ފީފާގެ އެހީތެރިކަމާއެކު ހަދަމުންދާ އިމާރާތަކަށްވީ ހިނދު، އެ އިމާރާތަކީ ވެސް އެތައް ގޮތަކުން އޮޅުވާލުންތައް އެކުލެވޭ މުބާރާތެކެވެ. އެގޮތުން ފީފާއަށް އެނގުމަކާ ނުލައި، އިމާރާތުގެ ޑިޒައިނަށް ބަދަލުގެނެސް، ތިރިން ގުދަނަށް ކުއްޔަށް ދީފައިވެއެވެ.

އެ އިމާރާތުން ސަބްލީސް ކޮށްފައިވާ ފަރާތްތަކަށްވެސް، ސައްހަ އެގްރީމެންޓް ހިއްސާކުރުމަށް އެފްއޭއެމްއިން އެދިފައިވާ އިރު، އެ އިމާރާތުން ސަބްލީސް ކޮށްފައިވާ ފަރާތްތަކުންވެސް އެފްއޭއެމްއިން ވަކި އެއްޗެއް އަންގަންދެން އިތުރަށް އިމާރާތަށް ބަދަލެއް ނުގެނެސް ބެހެއްޓުމަށްވެސް އެދިފައިވެއެވެ.

އެއާއެކު އެ ބިމުގައި އިތުރު އިމާރާތެއް ވަގުތީ ގޮތުން ނުހެދުމަށް އާއްމުކޮށް އިއުލާނުކޮށް، އެތަނުގައި ނޯޓިސް ތަތްކުރުމަށްވެސް ނިންމާފައިވެއެވެ.

އެފްއޭއެމްގެ އާ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އިންތިހާބުވިތާ އަދި މަހެއްވެސް ވެފައި ނުވާ އިރު، މިހާތަނަށް ފެންނަމުން ދަނީ ވަރަށް އަވަހަށް ކަންކަން ނިންމަވަމުން ދާތަނެވެ.