ރާއްޖޭގެ ފުޓުބޯޅަ އަޑިއަޅައިލައިގެން ދިޔަ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. ފުޓުބޯޅައިގެ ތެރެއިން ކޮރަޕްޝަނާއި ނުފޫޒުގެ އެތައް ވާހަކައެއް އަޑު އިވެއްޖެއެވެ. އެތައް ހިޔާނާތެއް ތިލަވެ، އާއްމުންނާ ހަމައަށް ވާސިލުވެއްޖެއެވެ. އެތައް ގޮތަކުން ފުޓުބޯޅައާ ދޭތެރޭ މާޔޫސް ވެއްޖެއެވެ. ފުޓުބޯޅައިގެ ހެޔޮ ފާލެއް އަދިވެސް ފެންނާން ނެތް އިރު، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ދައުވާވެސް އުފުލިފައިވެއެވެ.

ބައްސާމްގެ މައްސަލަތައް ކުރިއަށްދާ އިރު، އޭނާގެ ހިޔާނާތް ފުލުފުލުން އަންނަނީ ތިލަވަމުންނެވެ. ފީފާއިން ބައްސާމް ނުވަ މަސް ދުވަހަކަށް ސަސްޕެންޑް ކުރި އިރު، އެ ސަސްޕެންޝަންއަކީ ފީފާއަށްވެސް ބައްސާމުގެ ހިޔާނާތް ބޮޑުތަނުން ފަޅާއަރައިގެން ކުރި ސަސްޕެންޝަނެއްކަން ސާފެވެ. ސަސްޕެންޝަން އިސްތިއުނާފު ކުރުމަށް ބައްސާމް، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)އަށް މައްސަލަ ވެއްދުމުން، އިތުރަށް ފަޅާއެރީ ހިޔާނާތެވެ.

އެގޮތުން އަދި މިހާތަނަށް މާ ބޮޑަށް ރާއްޖޭގެ މީޑިއާތަކަށްވެސް ތިލަ ނުވާ ބޮޑު މައްސަލައެއް އަނެއްކާވެސް އާއްމުންނަށް ތިލަވެއްޖެއެވެ. މާފަންނު ސްޓޭޑިއަމް ސަރަހައްދަށް އިންގިލާބީ ބަދަލެއް ގެނެސް، ފުޓްބޯލް އެރީނާއަކާއެކު، އެފްއޭއެމްގެ ބޮޑު އޮފީސް އިމާރާތެއް ހަދަން ފީފާއިން ދިން ފަންޑުގެ ބޭނުން ނަހަމަ ގޮތުގައި ކުރިކަމަށް ފީފާއިން ވަނީ ޔަގީން ކޮށްދީއެވެ.

އެފްއޭއެމްއިން މާފަންނު ސްޓޭޑިއަމް ތަރައްގީ ކުރުމަށް ފީފާއިން ދިން ފަންޑުގައި ހަދާފައިވާ އިމާރާތުގެ ތިރީބައި އެއްކޮށް ވަނީ ގުދަން ބަރިއަކަށް ބަދަލުވެފައި --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ފީފާގެ އެތިކްސް ކޮމިޓީގެ ހޯދުންތަކުން ދައްކާ ގޮތުން، އެ ޕްރޮޖެކްޓުން މިލިއަނެއްހައި ޑޮލަރު ބައްސާމް އަމިއްލަ ބޭނުމަށް ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. އަދި ފީފާގެ ޕްރޮޖެކްޓަށް އެނގުމެން ނެތި، މުޅި ޕްރޮޖެކްޓްގެ ލޭއައުޓަށް ބަދަލު ގެނެސް، ޑޮކިއުމެންޓްތައް އޮޅުވާލައި، ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވެއެވެ. އެރީނާއެއްގެ މަސައްކަތަށް ފީފާއިން ދިން ފަންޑުން މިހާރު މާފަންނު ސްޓޭޑިއަމްގެ އެއް ފަޅިން ފެންނަން ހުރީ ގުދަން ބަރިއެކެވެ. އެ ގުދަން ބަރިން ފެންނަނީ ހިޔާނާތެވެ.

ކާސްގެ ނިންމުން ބައްސާމާ ދެކޮޅަށް

ފުޓުބޯޅައިން ސަސްޕެންޑް ކުރުމުން، އެ ނިންމުން ފީފާއިން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައިދޭން ބައްސާމް ދިޔައީ ކާސްއަށެވެ. ކާސްއިން މައްސަލަ ބެލުމަށްފަހު ނިންމީ ފީފާގެ ނިންމުން ރަނގަޅު ކަމަށެވެ. ކާސްއިން ނިންމާފައި ވަނީ ބައްސާމާ މެދު އަޅާފައިވާ ފިޔަވަޅު ރަނގަޅު ކަމަށެވެ. ޑިއު ޕްރޮސެސްގައި ބައްސާމަށް އެކަށީގެންވާ ވަގުތު ނުލިބި އޮތް ނަމަވެސް، އެކަމުގައި ބައްސާމާ މެދު އަޅައިފައިވާ ފިޔަވަޅު އެއީ އެކަށީގެންވާ ފިޔަވަޅެއް ކަމަށް ކާސްގެ ނިންމުމުގައިވެއެވެ.

އެ މައްސަލައިގައި ކާސްގެ ނިންމުން ބަރޯސާވެފައި ވަނީ ބައްސާމްގެ މައްޗަށް ކުރެވޭ ހިޔާނަތުގެ ތުހުމަތުތަކަށެވެ. މިވަގުތު ރާއްޖޭގެ ކޯޓުގައިވެސް ހިނގަމުން އަންނަ 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޓްރާންސްފާ ކުރި މައްސަލައާއި އެފްއޭއެމްއަށް ފީފާއިން ދިން ކޮވިޑް ރިލީފް ފަންޑުން، ބައްސާމްގެ އަމިއްލަ ބޭނުމަށް އަމީން ކޮންސްޓްރަކްޝަނަށް މިލިއަން ޑޮލަރު ޖަމާކުރުމުގެ މައްސަލަވެސް ފީފާއިން ވަނީ ކާސްއަށް ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.

އޭގެ އިތުރުން ދެން ފީފާއިން ހުށަހަޅައިފައި ވަނީ އެފްއޭއެމް އޮޑިޓް ކުރުމަށް ފީފާއިން ހަމަޖެއްސި، އަންކޫރާ އޮޑިޓް ފާމުގެ ރިޕޯޓުން ފެންނަ، މާފަންނު ސްޓޭޑިއަމް ޕްރޮޖެކްޓްގެ މައްސަލަ އެވެ. ރިހެބްލިޓޭޝަން ސެންޓަރަކާއި އެފްއޭއެމްގެ ޒަމާނީ އޮފީސް އިމާރާތެއްގެ އިތުރުން ޓާފް ދެ ދަނޑު މާފަންނު ސްޓޭޑިއަމްގައި އެޅުމަށް ފީފާއިން 1.48 މިލިއަން ޑޮލަރު، އެފްއޭއެމްއަށް ދީފައިވާ އިރު، އޭގެ ތެރެއިން 1،036،000 ޑޮލަރު އަމިއްލަ ބޭނުމަށް ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެ ފައިސާއަށް ވީ ނުވީއެއް ނޭނގި އޮތުމާއެކު، އޮޑިޓް ރިޕޯޓުތައް ދައްކާ ގޮތުން، ބައްސާމް އިސްވެ ހުރެ، އެފްއޭއެމްއިން 4 މިލިއަން ޑޮލަރުގެ ފައިސާ ވީނުވީއެއް ނޭނގި، އަމިއްލަ ބޭނުންތަކަށް ބޭނުން ކޮށްފައިވާ ކަމަށް ފީފާއިން މިހާރު ތުހުމަތު ކުރެއެވެ.

ކާސްގެ ނިންމުން ބައްސާމާ ދެކޮޅަށް ނިންމި ސަބަބަކީ އެ 4 މިލިއަން ޑޮލަރުގެ ހެކި ފީފާއިން ހުށަހަޅާފައިވުމެވެ.

މާފަންނު ސްޓޭޑިއަމްގެ އިމާރާތް: ގުދަން ބަރިއަކީ ބޮޑު އޮޅުވައިލުމެއް

މާފަންނު ސްޓޭޑިއަމްއިން ހިލާލީ މަގަށް ވާގޮތަށް ފެންނަން ހުރި ގުދަން ބަރިއަކީ ބޮޑު އޮޅުވައިލުމެކެވެ. ދެބުރިއަށް ހަދާފައިވާ އެ އިމާރާތުގެ ތިރީ ބަރި އެއްކޮށް ކަހަލަ ގޮތަކަށް ގުދަން ހަދަން ވިޔަފާރިތަކަށް ކުއްޔަށް ދީފައިވާ އިރު، އޭގެ އަނެއް ފަރާތުން ދަނޑުތައް އޮތްތަންވެސް އޮތީ ވީރާނާވެ، ޕާކިން ޒޯނަކަށް ބަދަލުވެފައެވެ. އެ ވީރާނާ ވެފައިވާ ސަރަހައްދާއި ގުދަން ބަރިއަކީވެސް ފީފާއިން ފަންޑު ކޮށްފައިވާ ބޮޑު ޕްރޮޖެކްޓެކެވެ.

ބައެއް މުހިއްމު ތާރީހުތައް ފެންނަ ޓައިމްލައިނެއް ---

ފީފާގެ ފޯވަޑް ޕްރޮގްރާމުގެ ދަށުން، މާފަންނު ސްޓޭޑިއަމްގައި ޓާފް ދަނޑު ތަރައްގީކޮށް، އެފްއޭއެމްގެ މަލަމަތި ބަދަލުކޮށްލާނެ އޮފީސް އިމާރާތެއް ހަދަން 1.48 މިލިއަން ޑޮލަރު ހަމަޖެއްސީ 2018 ވަނަ އަހަރުއެވެ. 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު، އެ މަސައްކަތް ޓިބާރޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ 1.55 މިލިއަން ޑޮލަރަށެވެ. އެއީ ބާކީ ފައިސާ އެފްއޭއެމްއިން ދޭ ގޮތަށެވެ.

ޓިބާރޯއާ ހަވާލުކުރުމުން ސުވާލުތަކެއް

ޓިބާރޯ ކުންފުންޏަކީ މުހައްމަދު ވަހީދު އަހުމަދުގެ ނަމުގައި 2015 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. އެފްއޭއެމުން މާފަންނު ސްޓޭޑިއަމް ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރުމުގެ ކުރިން ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް އެ ކުންފުނިން ކުރިކަން އެނގޭކަށް ނެތެވެ. އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި މުހައްމަދު ވަހީދާއެކު ދެން ހިމެނެނީ އަހުމަދު އަފްރާދެވެ. އަފްރާދަކީ ފުޓުބޯޅައިގެ ތެރެއިންވެސް އިވޭ ނަމެކެވެ. އެއީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އޯނަރުގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހެކެވެ. އެހެންކަމުން އެ ކުންފުންޏަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމާ ގުޅުމެއް އޮތް ކުންފުންޏެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

މާފަންނު ސްޓޭޑިއަމް ޕްރޮޖެކްޓްގައި އެފްއޭއެމުން ފައިސާ ދިން ހަމައެކަނި ކުންފުންޏަކީ ޓިބާރޯ އެވެ. 28 ޖެނުއަރީ 2021 ގައި އެފްއޭއެމުން މާފަންނު ޕްރޮޖެކްޓްގެ 444،000 ޑޮލަރު ޓިބާރޯއަށް ސިންގަލް ޕޭމަންޓަކުން ޖަމާކުރިކަމަށް ފީފާއިން ބުނެފައިވެއެވެ. އެހިސާބުން ޓިބާރޯއަށް މަސައްކަތް ނުކުރެވި، 31 މާޗު 2020 ގައި މާފަންނު ޕްރޮޖެކްޓް، އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށް ސަބް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރިއެވެ.

އޭގެފަހުން ފައިސާއެއް ނުދޭ، ބާކީ ފައިސާއަށް ވީ ގޮތެއް ނޭނގެ

މާފަންނު ސްޓޭޑިއަމް ޕްރޮޖެކްޓަށް ޓިބާރޯއަށް ދެއްކި ފައިސާގެ އިތުރުން، އެ އިމާރާތުގައި މިހާރު ހުރި ތަން ހެދި އެޕޯލޯއަށް އެފްއޭއެމުން އެއްވެސް ފައިސާއެއް ނުދައްކާ ކަމަށް ފީފާގެ ފޮރެންސިކް އިންވެސްޓިގޭޝަނުން ކާސްއަށް ހުށަހަޅައިފައިވާ ހެކީގައިވެއެވެ. އެޕޯލޯއަށް ދޭން ޖެހޭ ފައިސާ އެއްވެސް ސިފައެއްގައި އެ ކުންފުންޏަށް ދިން ކަމަށް ބައްސާމަށް ހެކިވެސް ދެއްކިފައެއް ނުވެއެވެ. އަދި ކާސްގެ ނިންމުމުގައި ބުނީ އެ ފައިސާގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށާއި، ޓިބާރޯއަށް އިތުރު ފައިސާއެއް ދިންކަންވެސް އެނގެން ނެތް ކަމަށެވެ.

ދަނޑު އަޅަން ނިންމާފައިވާ ސަރަހައްދު މިހާރު ވަނީ ޕާކިން ޒޯނަކަށް ބަދަލުވެފައި --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޕްރޮޖެކްޓްގެ ބާކީ ފައިސާ އެޕޯލޯއަށް ދިނުމުގެ ބަދަލުގައި އެފްއޭއެމުން އެޕޯލޯ ރުއްސާލީ، 845،000 ޑޮލަރު (13 މިލިއަން ރުފިޔާ)އަށް އަގުކުރެވޭ ބިމެއް، ހުޅުމާލޭ ފުޓުބޯޅަ ސްކޫލުން ދީގެންނެވެ. ފުޓުބޯޅަ ސްކޫލް ހެދުމަށް ދީފައި އޮތް ބޮޑު ބިން، އެކިއެކި "ވަގު އެއްބަސްވުންތަކާއެކު" އެތައް ވިޔަފާރިއަކަށް އެފްއޭއެމުން ކުއްޔަށް ބަހާލާފައިވާ އިރު، އެއީ ފުޓުބޯޅައިގެ މުސްތަގުބަލަށް ސީދާ އަސަރުކުރި ކަމެކެވެ.

އެޕޯލޯއަށް ބިން ދީގެން ހަމަޖައްސާފައިވީ ނަމަވެސް، 1.48 މިލިއަން ޑޮލަރު، ވީނުވީއެއް ނޭނގި އޮތީ ގެއްލިފައެވެ.

މިހާރު ހުރި ގޮތަށް އިމާރާތް ބަދަލުކުރީ ފީފާއަށް ވަގަށް، އެކަމުގައި ޑޮކިއުމެންޓްތައްވެސް 'ފޯޖު' ކުރި

އިމާރާތް ހުރީ އަދިވެސް އެއްކޮށް ހަދާ ނުނިމި، ގުދަންތައް މިހާރު އޮޕަރޭޓް ކުރަމުންދޭ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޓެކްނިކަލް ބައެއް ސެންޓަރުތަކާއި އޮފީސް ހިންގަން ބޭނުންކުރާނެ ޒަމާނީ އިމާރާތެއް މާފަންނު ސްޓޭޑިއަމް އިމާރާތުގެ ތިރީ ބައިގައި ހަދަން ފީފާއިން ހަވާލުކުރި ނަމަވެސް، މިހާރު ފެންނަނީ ހުސް ގުދަނެވެ. އެ ގުދަންތަކުން ދައްކައިދެނީ ބޮޑެތި އެތައް އޮޅުވައިލުމެކެވެ. ފީފާގެ ޕްރޮޖެކްޓްގެ ޕްލޭނުން ބޭރަށް އެ މަސައްކަތް ދިޔަ ގޮތުން، އެކަމުގައި ބައްސާމް ހިންގީ "ބޮޑު ޖަރީމާއެއްކަން" ދޭހަވާ ގޮތަށް، އެ އިދާރާގެ އިސް މުވައްޒަފުން ވަނީ ފީފާ އޮޑިޓަރަށާއި، އެ އިދާރާއަށްވެސް ހެކިބަސް ދީފައެވެ.

ފީފާއިން 2023 ވަނަ އަހަރު ސައިޓް ވިސިޓް ހަދައި، އެކަމުގައި އެކުލަވައިލައިފައިވާ ރިޕޯޓުގެ ބައެއް ވާހަކަތައް ކާސްގެ ކޭސްއަށް ފީފާއިން ހުށަހެޅިއެވެ. ސައިޓް އިންސްޕެކްޝަނަށް އައި މިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، "މުޅި އިމާރާތުގެ ތިރީ ބައި، ކޮންސްޓްރަކްޝަން ޕްލޭނުގެ ބޭރުން، ފީފާގެ އެއްވެސް ހުއްދައަކާ ނުލައި، މިހާރު އޮތީ ކޮމާޝަލައިޒް ކޮށްފައެވެ. ތިރީ ބައި އެއްކޮށް ގުދަންތަކަށް ކުށްޔަށް ދީ، މާލީ މަންފާ ނަގަމުންދެއެވެ."

ފީފާއިން ކާސްގައި ބުނީ ފީފާ ފޯވަޑް ފަންޑިންނުން ހަދާ އިމާރާތަކުން ފައިސާ ވައްދަން ބޭނުންވުމަކީ ގޯހެއް ކަމަށާއި، އެކަމުގައި ބައްސާމް އެއްވެސް ލަފައެއް ނުހޯދައި، އިމާރާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފައިވާ ކަމަށެވެ.

ފީފާގެ އޮޑިޓް، އަންކޫރާގެ ރިޕޯޓުގައި ވާގޮތުން، އޭރުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ)އަށް އަންގައިގެން ބައްސާމް ވަނީ އޭނާއަށް މާފަންނު ސްޓޭޑިއަމްގެ ގުދަންތައް ކުއްޔަށް ދޫކުރި އެއްބަސްވުންތަކުގެ ތާރީހުތައް ބަދަލުކޮށް، އެކަންކަން ފީފާއަށް އޮޅުވައިލަން މަސައްކަތް ކޮށްފައެވެ. އެކަމަށް ޖަވާ ހެކިބަސް ދިންކަމަށްވެސް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވެއެވެ.

އެފްއޭއެމްއިން ބޭއްވި ޕްރެސްއެއްގައި ޖަވާ ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ވަން ފޮޓޯ/ މުހައްމަދު ޝަމްއޫން

"މައްސަލަ ހުށަހެޅި ފަރާތް (ބައްސާމް)، ގުދަންތަކަށް ދިން ލީސިން އެއްބަސްވުންތަކުގެ މައުލޫމާތުތައް އޮޅުވައިލުމަށް ޖަވާޒަށް އަންގާފައިވޭ. އެއީ ޓައިމިންތައް އޮޅުވައިލައި، އެ ގުދަންތަކުން މާލީ މަންފާ ނެގި ނެގުން ފީފާއަށްވެސް އޮޅުވައިލުމަށް. އެއީ ޖަވާ އެފްއޭއެމުން އިސްތިއުފާ ދިން އެއް ސަބަބު،" އަންކޫރާ ރިޕޯޓުގައިވެއެވެ.

އަންކޫރާގެ ރިޕޯޓުގައި ވާގޮތުން، މާފަންނު ސްޓޭޑިއަމް އިމާރާތުން ގުދަންތައް ކުއްޔަށް ދީފައި ވަނީ 25 އަހަރު ދުވަހުގެ ދިގު މުއްދަތަކަށެވެ. އެހެންކަމުން އެކަމުގައި ފީފާގެ ނުރުހުން އިތުރަށް އޮތީ ބޮޑުވެފައެވެ.

ބައްސާމް މާފަންނު ޕްރޮޖެކްޓަށް ގޮތް ނިންމީ މަޝްވަރާއެއް ނެތި ކަމަށް އަލީ އުމަރު ފާހަގަކުރޭ

ރާއްޖޭގެ ޕީޖީން ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުވާ އުފުލައިފައިވާ އިރު، 2023 ވަނަ އަހަރު އޮކްޓޯބަރު މަހު އެފްއޭއެމް އޮފީސް، ފުލުހުން ރޭޑް ކޮށްފައިވެއެވެ. އޮޑިޓް ފާމާ މައްސަލަ ބަލަން ހަވާލުކުރީ ޖެނުއަރީ 2024 ވަނަ އަހަރުއެވެ.

އެ މައްސަލަތަކުގައި މިހާރު ކްރިމިނަލް ކޯޓުންވެސް ހެކިބަސް ނަގަމުން އަންނައިރު، ހެކިބަސް ދެއްވަމުން ޖަވާޒު ވިދާޅުވީ އޭނާ އެފްއޭއެމްގައި މަސައްކަތް ކުރެއްވި އިރު އަދި ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން އެފްއޭއެމްގެ ފައިސާގެ ކަންކަން ބަލަހައްޓަވައިފައި ނުވާނެ ކަމަށާއި ފައިސާގެ ކަންކަން ބެެލެހެއްޓުމުގައި އެންމެ އިސްކޮށް އުޅުނީ އެފްއޭއެމްގެ ރައީސް ކަމަށެވެ. ދެން ފައިސާގެ ކަންކަން ބަލަހައްޓާނީ އެކައުންޓުންސް ޑިޕާޓުމެންޓުން ކަމަށާއި އެ ޑިޕާޓުމެންޓުގެ އިސްވެރިޔަކީ މުހައްމަދު އަގީލް ކަމަށެވެ.

ދައުލަތުން ވަނީ އެފްއޭއެމް ހިޔާނާތާ ގުޅިގެން އަގީލުގެ މައްޗަށްވެސް ހިޔާނާތުގެ ދައުވާކޮށްފައެވެ.

އޭގެ އިތުރުން އެފްއޭއެމްގެ ކުރީގެ ސީނިއާ ނައިބު ރައީސް އަދި ކުރީގެ އެއްވަނަ ފޯވަޑް އަލީ އުމަރުވެސް ވިދާޅުވެފައިވާ ކަމަށް ކާސްގެ މައްސަލައިގައި ބުނީ މާފަންނު ސްޓޭޑިއަމުން ގުދަންތަކަށް ކުއްޔަށް ދޭން، އެ ބަދަލު ގެންނަން އެކްސްކޯއަށް ހުށަހަޅައިފައި ނުވާ ކަމަށާއި، އެކަމުގެ މަޝްވަރާވެސް އެކްސްކޯއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

08 ޖުލައި 2020، މާލެ، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ 8 ވަނަ ބައްދަލުވުމުގައި އެފްއޭއެމްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު -- ވަން ފޮޓޯ: މުހައްމަދު ހައްޔާން

އެކަމުގައި ބައްސާމްގެ ރައުޔު ތަފާތެވެ. ކާސްއަށް ހުށަހެޅި މައްސަލައިގައި އޭނާ ވިދާޅުވެފައި ވަނީ އެކަންކަން ކުރީ އެކްސްކޯގެ ލަފައާއެކު، އެކަންކަމަށް ހުއްދަ ލިބިގެން ކަމަށެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް ގޮތަކަށް ބައްސާމަށް ހެކިބަސް ދެއްކިފައި ނުވާ ކަމަށް ކާސްގެ ނިންމުމުގައިވެއެވެ.

ބައްސާމް ޕްރެސްއެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --- ވަން ފޮޓޯ/ މުހައްމަދު ޝަމްއޫން

ކޮންމެއަކަސް، އަނެއްކާވެސް އެފްއޭއެމް އާއި ބައްސާމްގެ ބޮޑު ހިޔާނާތެކެވެ. ބައްސާމް އެކަމުގައި ޒިންމާ ނުނަގައި، ގާނޫނީ ގޮތުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ އިރު، މިވަގުތު އެކަމުގައި ބެދިފައި ހުރީވެސް އޭނާ އެކަންޏެވެ. އެ މައްސަލަތަކުން ފުޓުބޯޅައިގެ މުސްތަގުބަލު މުޅިން ވަޅުޖެހި، ރާއްޖެ އެތައް ދަރަޖައަކުން ފަހަތަށް ސޮއްސާލައިގެން ދިޔައީއެވެ. އެ އަނދަވަޅުން އަރައިގަނެވޭނެ މަގެއް އަދިވެސް ނުފެނެއެވެ. މައްސަލަތަކުގައި ބައްސާމަށް އެކަނި މަވަގުތު އިނގިލި ދިއްކުރެވުނު ނަމަވެސް، މިހުރިހާ ކަމެއްގެ ތެރެއިންވެސް ގޯސްތައް ހެދި އެތައް ބަޔަކު އެބަތިއްބެވެ. އެ ހުރިހާ ފަރާތްތަކެއް ފުޓުބޯޅައާ ދުރަށް ޖައްސައި، ރާއްޖޭގެ ފުޓުބޯޅަ އޯވަހޯލް ކުރަން ޖެހެއެވެ.