ފުޓުބޯޅަ ސްކޫލުގެ ޕްލޭން ދައްކާލިއިރު ކިތަންމެހައިވެސް ޗާލެވެ. މުޅި ރާއްޖޭގެ ފުޓުބޯޅަ މުޅީން އެހެން ހަރުފަތަކަށް، ދެންމެ ދެންމެ ދިޔަހެން ހީވި އެވެ. 10 އާއި 15 އާ ދެމެދުގެ އަދަދަކަށް ބިދޭސީ ކޯޗުން ތިބެއެވެ. 12 އަހަރާއި 15 އަހަރާ ދެމެދުގެ 40 ކުޅުންތެރީން ތަމްރީނު ފުރިހަމަ ކުރާނެ އެވެ. ހައި ޕާފޯމަންސް ސެންޓަރެއްގެ ގޮތުގައި ފުޓްބޯޅަ ސްކޫލް ހިންގާއިރު، އެތަނަށް ހޮވޭ ކުދީން ނަގަން 18 އެކެޑަމީއެއް އަތޮޅު ތެރޭގައި ވެސް ހުޅުވަން ނިންމިއެވެ. އެ 18 އެކެޑެމީ ވެސް ހިންގަން ހަވާލުކޮށްފައިވަނީ ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯއާ އެވެ.

މި ވާހަކަތަކުގެ ރީތި މަންޒަރު އެއިރު ސިފަވެސް ވިއެވެ. ހުޅުމާލޭން ރާއްޖޭގެ ފުޓުބޯޅަ ބަދަލުކޮށްލާނެ ކުދީން ނެރޭތަން ބަލަން ތިއްބައި، އެތަނުން ދެން ފެނިގެން ދިޔައީ ކުންފުނިތަކުގެ ގުދަންތަކުގެ އިތުރުން އުންމީދެއް ނެތް ކުޑަކުޑަ އިމާރާތެކެވެ.

އެޗްޑީސީން، ސަރުކާރު މެދުވެރިވެ، ހުޅުމާލެއިން 2015 ވަނަ އަހަރު އެފްއޭއެމަށް ދިން ދެ ލައްކާ ތިރީސް ހާސް އަކަފޫޓުގެ ބިމަކީ ހައިޕާފޯމަންސް، އެލީޓް ފުޓްބޯޅަ ސްކޫލެއް ހަދަން ދިން ބިމެކެވެ. އެއީ ރައީސް އަބްދު ޔާމީން އަބްދުﷲ ގައްޔޫމުގެ ވެރިކަމުގައި ވި އެއްބަސްވުމެއް ނަމަވެސް، އެ ބިން މިހާރު އޮތީ ނަގަން ނިންމައިފައެވެ. ވަގު އެގްރީމެންޓްތަކާއި ކަޓުތަކުން މުޅިން ހަލާކަށް ދިޔުމުންނެވެ.

ފުޓުބޯޅަ ސްކޫލް އަޅަން ދިން ބިން ---

ފުޓުބޯޅަ ސްކޫލާ ގުޅިގެން ކުރިންހެން އެ ވާހަކަތަކެއް ވެސް ދައްކަމުން އާދެއެވެ. އެ ބިމުން އިހުމާލުވިކަން ސާފެވެ. އެ އިހުމާލުތަކަށް މުޅީން އާ ވާހަކަތަކެއް މި އިތުރުވީ އޮޑިޓް އޮފީހުން ނެރުނު "މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ 2018 އިން 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" އިންނެވެ. އެކަމުގައި ސްޕޯޓްސް މިނިސްޓްރީގެ އިހުމާލުތައް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު، 2018 ވަނަ އަހަރު އެކަންކަން ހިނގިއިރު މިނިސްޓަރަކީ އަހުމަދު މަހްލޫފެވެ.

ފުޓުބޯޅަ ސްކޫލް ހެދުމަށް ޖުމުލަ 38 މިލިއަން ރުފިޔާ ކަނޑައަޅައި، މިނިސްޓްރީން އެ ޕޮރޮޖެކްޓް އެފްއޭއެމްއާ ހަވާލުކުރީ ރައީސް އޮފީސްވެސް މެދުވެރިވެގެންނެވެ. އެފްއޭއެމްއިން އެކަން ކުރަން ހަވާލުވެ، ދެން ކުރި ކަންކަމުގައި އެތައް އިހުމާލެއް ފެންނާން އެބަހުއްޓެވެ. ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް އެކަމުގައި ހިމެނިފައިވާތީ، އެކަންކަން ބަލަން އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އެސީސީއަށްވެސް އަންގަން އެދިފައެވެ.

މަސައްކަތް ޓޭންޑާ ބޯޑަށް ހުށަނާޅައި އެފްއޭއެމްއިން ކުރަން ނިންމި ސަބަބެއް އެނގޭކަށް ނެތް

އޮޑިޑް ރިޕޯޓުގައި ބުނެފައިވަނީ ކޮންޓިންޖެންސީ ބަޖެޓުން ހަރަދެއް ކުރާ ނަމަ ކުރަން ޖެހޭނީ އާއްމު ބަޖެޓުން އެ އޮފީހަކަށް ކަނޑައަޅާފައިވާ ފައިސާގެ ޕަސެންޓަށް ވުރެ އިތުރު ނުވާ ގޮތެއްގެ މަތީން ކަމަށެވެ. އެހެން ނަމަވެސް، ފުޓުބޯޅަ ސްކޫލް ޕްރޮޖެކްޓަށް މިނިސްޓްރީން ފައިސާ ހޯދާފައިވަނީ އެ އުސޫލާ ހިލާފަށް ކަމަށް އޮޑިޓްގައި ވެއެވެ. އަދި ޕްރޮކިއުމެންޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނަމަ، އެކަމެއް ކުރަން ހުއްދަ ދޭނީ ނެޝަނަލް ޓެންޑާ ބޯޑުން ކަމަށް މާލިއްޔަތު ގަވާއިދު (20-R/2017) ގައި އޮތް ނަމަވެސް، މި ޕްރޮޖެކްޓް އެވޯޑްކުރުމުގައި އެ ކަމަށް ތަބާ ނުވިތަނުގައި، މަސައްކަތް އެފްއޭއެމްއާ ހަވާލުކުރަން މިނިސްޓްރީން ނިންމި ސަބަބެއް ވެސް ހާމަކޮށްފައި ނުވުމުގެ ކަންބޮޑުވުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ބިޑު އެވަލުއޭޓް ކުރުމުގައި ބޮޑެތި ގޯސްތަކެއް

ފުޓުބޯޅަ ސްކޫލްގެ ކަންކަން ގޯހުން ގޯހަށް ދިޔަ ދިއުމުގެ ފަހަތުގައި، ޕްރޮޖެކްޓް ހަވާލުކުރުމުގެ މަރުހަލާގެ ކަންކަން ހިންގާފައިވާ ގޮތް ބޮޑު ހިއްސާއެއް އަދާކުރެއެވެ. ފުޓުބޯޅަ ސްކޫލްގައި ސިންގަލް ސްޓޯރީ އޮފީސް ބިލްޑިން، ހަތަރުބުރީގެ އެކޮމަޑޭޝަން، ދެ ފުޓްބޯޅަ ދަނޑު ހެދުމަށް ހުޅުވާލި ބިޑަށް 8 ފަރާތަކުން ކުރިމަތިލިއެވެ. އޭގެ ތެރެއިން އިވެލުއޭޓް ކުރީ ފަސް ފަރާތެއްގެ ބިޑެވެ.

އިވެލުއޭޓް ކޮށްފައި ނުވާ ތިން ބިޑުގެ ތެރެއިން އެއް ބިޑްގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމާއި މުއްދަތު ދިގު ކަމާއި އަދި އަނެއް ދެ ފަރާތެއްގެ ބިޑުގެ މުއްދަތު ދިގު ކަމަށް ބަޔާން ކޮށް، އިވެލުއޭޝަން ރިޕޯޓު ތައްޔާރު ކޮށްފައިވާ އިރު، އެއިން ދެ ފަރާތެއްގެ އަގު ބިޑު އެވޯޑުކުރި ފަރާތަށްވުރެ ކުޑަ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ. އަދި އެ ބިޑު އިވެލުއޭޓް ނުކޮށް، ދޫކޮށްލި ސަބަބެއް އެފްއޭއެމްއިން ބަޔާން ކޮށްފައެއް ވެސް ނުވެއެވެ. އޭގެ އިތުރުންވެސް ބިޑަށް ހުށަހެޅި ލިޔެކިޔުންތަކުގައި ހުރި އަގާއި ތާރީހަށް ބަދަލު ގެނެސް، ވަކި ބަޔަކަށް ބިޑު ކާމިޔާބުކޮށްދޭން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވިފައިވާ އިރު، ތިން ބަޔަކަށް އަގު ހުށަހަޅަން އޮތް ބިޑު އިވެލުއޭޓް ކުރީވެސް ޖުމުލަ އަގަށް ބަލައިގެންނެވެ.

ޕްރޮޖެކްޓްގެ ބިޑުތައް 27 ޖޫން 2018 ވަނަ ދުވަހު އިވެލުއޭޓް ކޮށް، މަސައްކަތް ހަވާލުކުރުމުގެ ކުރީން އެ ދުވަހު، އެފްއޭއެމްއިން އިމާރާތަށް ބޭނުންވާ ފަރުނީޗަރާއި، އަމިއްލަ ތަކެތީގައި ޓާފް ދަނޑު ހެދުމާއި، ޓާގް ދަނޑު ހަދާ ޕިޗް އޭރިއާގެ ހުރިހާ މަސައްކަތެއް، ނުވަ މިލިއަން ރުފިޔާ އިތުރަށް ދޭ ގޮތަށް މަސައްކަތް ހަވާލުކުރި ފަރާތާ ހަވާލުކޮށްފައިވެއެވެ.

05 މެއި 2021، މާލެ، 16 ރަށެއްގައި ޓާފު ދަނޑު އަޅަން އިއުލާން ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އަދި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު -- ވަން ފޮޓޯ: އަހްމަދު އައިހަމު

އެއީ ބޮޑު ވޭރިއޭޝަނެއް ގެނެސް، އަގަށް ބޮޑު ބަދަލެއް ގެނައި ކަމެއް ނަމަވެސް، އެއިރުވެސް އެ ޕްރޮޖެކްޓްގައި ދަނޑާއި، ދަނޑުގެ ޕިޗް އޭރިއާގެ މަސައްކަތް ހިމަނާފައި އޮތުމުން، އެކަން އެ ކުރީ އިތުރު ފައިސާތަކެއް ބިޑު ދިން ކުންފުންޏަށް ދީ، ނާޖާއިޒު ބޭނުންތަކެއް ކުރުމަށް ކަމަށް އޮޑިޓުން އެނގެން އެބައޮތެވެ.

ބިޑު ކާމިޔާބުކުރި ފަރާތަށް 28 މިލިއަން ރުފިޔާއަށް ޕްރޮޖެކްޓް ދިން އިރު، އެ ފައިސާއަށް އިތުކުރި ބަޔަކީ ދައުލަތަށް ލިބުނު މާލީ ބޮޑު ގެއްލުމެއް ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

ޕޭމަންޓް ވައުޗަރުތައް އެޕްރޫވް ނުކޮށް ފައިސާ ނެގުމާއި، ލިޔެކިޔުމެއް ނެތިވެސް ފައިސާ ދީފައިވޭ

ފުޓުބޯޅަ ސްކޫލް ޕްރޮޖެކްޓްގެ ޕްރޮގްރެސް ޕޭމަންޓްތަކަށް ފައިސާ ދައްކަން ތައްޔާރުކޮށްފައިވާ ޕޭމަންޓް ވައުޗަރުތައް އެފްއޭއެމްއިން އެޕްރޫވް ވެސް ކޮށްފައެއް ނުވެއެވެ. އެގޮތުން 10 މިލިއަން ރުފިޔާގެ ތިން ވައުޗަރުގައި ސޮއިކޮށްފައިވާ އިރު، ހުއްދަ ދިނީ ކޮންފަރާތަކުން ކަމެއްވެސް އެނގޭކަށް ނެތެވެ. އެހެންކަމުން ގާތްގަނޑަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ދޫކުރީ އެފްއޭއެމްގެ ސޮއި ނުލިބި ކަމަށް އޮޑިޓްގައި ވެއެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތް ކުރި ފަރާތުން ހުށަހަޅާ ބިލުތަކަށް ފައިސާ ދީފައި ވަނީ އިމާރާތްތަކުގެ މަސައްކަތް ނިންމިތޯ ޔަގީންވެސް ނުކޮށް ކަމަށް އޮޑިޓްގައިވެއެވެ. އެގޮތުން ހަ ފަހަރެއްގެ މަތިން ޖުމުލަ، 17 މިލިއަނަށްވުރެ ގިނަ ރުފިޔާ، މަސައްކަތް ނިންމިތޯ ނުވެސް ބަލައި، މިނިސްޓްރީން ކޮންޓްރެކްޓަރަށް ދޫކޮށްފައިވެއެވެ.

6 ޖޫން 2022: މާލެ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލު --- ވަން ފޮޓޯ: ހުމާމް އަހުމަދު

އެފްއޭއެމުން ކޮންޓްރެކްޓަރާއެކު ހެދި އެއްބަސްވުމުގައި، ޕްރޮޖްކެޓް ނުނިމި ލަސްވާ ލަސްވުމަށް ބަދަލު ނަގާނެ އުސޫލެއް ހިމަނައިފައެއްވެސް ނެތެވެ. އެހެންކަމުން ޕްރޮޖެކްޓް ލަސްވުމުން ލިބުނު ގެއްލުމުގެ ބަދަލު އެފްއޭއެމަށް ހޯދިފައި ނުވުމަކީ ވެސް އޮޑިޓް އޮފީހުގެ ކަންބޮޑުވުމެކެވެ. އަނެއް ކަންބޮޑުވުމަކީ ފުޓުބޯޅަ ސްކޫލްގެ މަސައްކަތަކީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު، 2018 ގައި ކޮންޓްރެކްޓްކޮށް 90 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތަކަށް ވިޔަސް މަސައްކަތް ނުނިމެނީސް 32.2 މިލިއަން ރުފިޔާ ނުވަތަ ޕްރޮޖެކްޓުގެ އަގުގެ 84 ޕަސެންޓް ހަރަދުކޮށްފައި ވުމެވެ. އެފްއޭއެމްއިން ބުނީ އެ މަސައްކަތް ލަސްވަމުން ދިޔައީ އެޗްޑީސީގެ ހިލަފުންޏެއް ހުރުމުން ކަމަށެވެ.

އެހެންކަމުން ޕްރޮޖެކްޓުގެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީހަށް ނިމިފައި ނުވާތީއާއި ޕްރޮޖެކްޓް އެވޯޑަށް ހިންގުމުގައި ފާހަގަކުރެވުނު މައްސަލަތަކާ ގުޅޭގޮތުން މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި، ޖަވާބުދާރީކުރުވަން އޮޑިޓް އޮފީހުން ވަނީ އަންގައިފައެވެ.

އޭގެ އިތުރުން ސަރުކާރުގެ މިނިސްޓްރީއަކުން މަސައްކަތްތައް އެސޯސިއޭޝަންތަކާ ހަވާލުކުރާއިރު، އެ އެސޯސިއޭޝަނަކަށް މަސައްކަތުގެ މާލީ ހިސާބުތައް ބެލެހެއްޓޭނެކަމުގެ ޔަގީންކަން ހޯދަން ޖެހޭނެ ކަމަށްވެސް އޮޑިޓްގައި ބުނެފައިވެއެވެ.

އޮޑިޓް އޮފީހުން އެދުނީ އޭސީސީއަށް ހުށަހަޅަން

އޮޑިޓް އޮފީހުން އެންމެ ފުރަތަމަ އުފައްދާފައިވާ ސުވާލަކީ، އެފްއޭމްއާ އެހާ ބޮޑު ޕްރޮޖެކްޓެއް ހަވާލުކުރި ސަބަބަކީ ކޮބައިތޯ އެވެ. މިނިސްޓްރީން އެކަން ހާމަކުރުމަށް އޮޑިޓުން ވަނީ އަންގައިފައެވެ. އޭގެ އިތުރުން މަޖިލީހުން ފާސްކުރާ ބަޖެޓަށް އަމަލުކުރުމުގައި ގާނޫނަށް ތަބާވުމަށް އަންގާފައިވުމުގެ އިތުރުން ބީލަމުގެ ކަންކަމުގައި ހަމަހަމަކަން ޔަގީން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން އެދިފައިވެއެވެ. އަދި އިއުލާނުގައި ނުހިމެނޭ މަސައްކަތް ހަވާލުކޮށްގެން ނުވާނެކަންވެސް އޮޑިޓް އޮފީހުން އަންގާފައިވާ އިރު، ޕޭމަންޓް ވައުޗަރު ހެދުމާއި ފައިސާ ދޫކުރުމުގައި އުސޫލުން ބޭރުވުން އެއީ ބޮޑު މައްސަލައެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން މިނިސްޓްރީން އެސޯސިއޭޝަންތަކާ ހަވާލުކުރާ ފައިސާއަށް ޕްރޮޖެކްޓް ހިންގަމުންދާ އިރު، އެކަމުގައި މާލިއްޔަތު ގާނޫނަށް ތަބާ ކުރުވަން ޖެހޭ ކަމަށާއި، ފުޓުބޯޅަ ސްކޫލުގެ ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެކަންކަން ތަހުގީގުކުރުމަށް އޭސީސީއަށް ހުށަހެޅުމަށް އިރުޝާދު ދީފައިވެއެވެ.