ލިވަޕޫލް ދޫކޮށް، ޖަރުމަނު ލީގު ބަޔާން މިއުނިކަށް ސޮއިކުރީ ޗެމްޕިއަނެއްގެ ގޮތުގައި ކަމަށާއި، ލިވަޕޫލުގައި ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލުވި ކަމަށް ކޮލަމްބިއާ ވިންގް، ލުއިސް ޑިއާޒް ބުނެފިއެވެ.

ޑިއާޒް، 28، ލިވަޕޫލްގައި ހޭދަކުރި ތިން އަހަރާ ބައިގެ މުއްދަތަކަށްފަހު، ބަޔާން މިއުނިކަށް ސޮއިކުރީ 65.5 މިލިއަން ޕައުންޑުގެ އަގެއްގައެވެ. ޑިއާޒް ބަޔާނަށް ނުފޮނުވަން ލިވަޕޫލުން ފުރަތަމަ މަސައްކަތް ކުރިވެސް މެއެވެ.

އެގޮތުން ބަޔާނުން ކުރި، 58.6 މިލިއަން ޕައުންޑްގެ ބިޑަކަށް ނޫނެކޭ ބުނެފައިވީ ނަމަވެސް، ފަހުން ބޮޑު ބިޑެއް ކުރުމުން ލިވަޕޫލުން ނިންމީ ޑިއާޒް ދޫކޮށްލުމަށެވެ. ޑިއާޒް ލިވަޕޫލް ދޫކޮށްލީ ހަތަރު ތަށި އެ ކްލަބާއެކު ހޯދުމަށްފަހުއެވެ.

އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ތަށިވެސް ހިމެނެއެވެ.

"އަހަރެން ލިވަޕޫލް ދޫކޮށް ބަޔާނަށް ބަދަލުވީ، ލިވަޕޫލާއެކު ދެކުނު ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ހަދާފައި. އަހަންނަށް ލިވަޕޫލުން ދިމާވި ކުޅުންތެރިންނާއި ކޯޗުން، އަދި އޮފިޝަލުން އަބަދުވެސް ހާއްސަވާނެ. މި އަލްވަދާއު އެންމެ ފުރިހަމަ ނުވީ ޑިއޭގޯ ޖޮޓާގެ ވަކިވުމާއެކު. އެހެން ނޫންނަމަ މިއީ ފުރިހަމަ އަލްވަދާއެއް. އެއީ އަހަންނަކީ މިހާރު ޗެމްޕިއަނެއް. އެއީ ލިވަޕޫލުން ހާސިލުވި އެންމެ މުހިއްމު ކަންތައް،" ޑިއާޒް ބުންޏެވެ.

ޑިއާޒް ބުނީ ލިވަޕޫލަށް އޭނާ އަދާކޮށްދޭން ޖެހޭ ޑިއުޓީ ފުރިހަމައަށް އަދާކުރެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޑިއާޒް، ޕޯޓޯއިން ލިވަޕޫލާ ގުޅުނީ 2022 ވަނަ އަހަރު ޖެނުއަރީގައެވެ. އެއީ 37 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 148 މެޗުގައި 41 ގޯލު ޖަހައިދީފައެވެ. މިދިޔަ ސީޒަނުގައިވެސް އޭނާ ފެނުނީ ފޯމު ރަނގަޅު ކޮށެވެ. އެގޮތުން، 17 ގޯލު އެ ކްލަބަށް ޖަހައިދީފައިވެއެވެ.