ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްގެންދިޔައީ ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ ދެގައުމުގެ ދެމެދުގައި ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރަން ނިންމައިފައެވެ.
އެކަން އިއުލާންކުރީ އިންޑިއާ ސަރުކާރުންނެވެ. އެގޮތުން 07 އޮކްޓޯބަރު 2024 ގައި ރައީސް މުއިއްޒާއި މޯދީ ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައި މޯދީ ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުދަގަ ވެގެންދާނެ ކަމަށާއި އެގޮތުން އެފްޓީއޭއެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ތަރައްގީއަށާއި ސިނާއީ އަދި އިގުތިސާދީ ކުރިއެރުންތަކުގައި އިންޑިއާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި އިންޑިއާ ކަނޑުގެ ކާރިސާތަކުން ދިމާވާ މައްސަލަތަކަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެ ކަމަށް މޯދީ ވިދާޅުވެފައިވެއެވެ.
މޯދީ ވިދާޅުވެފައިވަނީ މޫސުމީ ބަދަލުތަކަކީ ދެ ގައުމަށްވެސް ދިމާވާ ގޮންޖެހުމެއް ކަމަށާއި އެ މަސައްކަތުގައި ސޯލާ އަދި އެނާޖީ އެފިސެންސީގައި އިންޑިއާއިން ރާއްޖެއާއެކު މަސައްކަތްކުރުމަށް ތައްޔާރު ކަމަށެވެ.
"ރާއްޖޭގެ އަވަށްޓެރިއެއްގެ ހައިސިއްޔަތުން އިންޑިއާއިން އަބަދުވެސް ބަލަނީ ރާއްޖެއަށް ދިމާވާ އެކިއެކި ކާރިސާތަކާއި ބަލިމަޑުކަމުން އަރައިގަތުމަށާއި އެހީގެ ގޮތުންވެސް އަތް ދިއްކޮށްލާނެ އެންމެ ފުރަތަމަ ގައުމަށް ވުމަށް،" މޯދީ ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ