ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް މުމްބާއީގެ ޖޫހޫގައި ދިން ބަޑީގެ ހަމަލާއާ ގުޅިގެން، އެ ކަމުގެ އަޑީގައި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައުލޫމާތު އިންޑިއާގެ ފުލުހުން ހާމަކޮށްފިއެވެ.

ދިއްލީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެމެރިކާގެ ކެލިފޯނިއާގައި ފިލައިގެން އުޅޭ ކަމަށް ބެލެވޭ އަނިލް ޕަންޑިޓް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި، ހަރިޔާނާގެ ޕާނިޕަތަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މި މީހާއަކީ 2023 ވަނަ އަހަރު އިންޑިއާ ދޫކޮށް ދިއުމާ ހަމައަށް އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ. ނަމަވެސް، އޭގެ ފަހުން އޭނާ ވަނީ ލޯރެންސް ބިޝްނޯއީ ގޭންގާ ގުޅި، ވިޔަފާރިވެރިންނަށާއި ފަންނާނުންނަށް ބިރުދައްކައިގެން ފައިސާ ފޭރުމުގެ 12 އަށް ވުރެ ގިނަ މައްސަލައެއްގައި ހަރިޔާނާ ސްޓޭޓުން ހޯދަން އިއުލާންކޮށްފައެވެ.

ޓައިގާ ޝްރޮފްގެ ކާރަށް ސައިކަލެއްގައި އައި ތިން މީހަކު ވެގެން ބަޑިން ހަމަލާދިން ނަމަވެސް، އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ކާރު ދުއްވަން އިން މީހާއަށާއި އެ ސަރަހައްދުގައި ހުރި ޓައިގާގެ ސަޕޯޓަރަކަށް ވަނީ ވަޒަން އަރައި އަނިޔާވެފައެވެ. މި ހަމަލާގެ ޒިންމާ އަނިލް ޕަންޑިޓް ސޯޝަލް މީޑިއާ މެދުވެރިކޮށް ނަގާފައިވާ ކަމަށް ފުލުހުން ފާހަގަ ކުރި ނަމަވެސް، އެއީ ސީދާ އޭނާ ކުރި ޕޯސްޓެއްކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ރާޖަސްތާނުގެ ކޯޓާއިން ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، އެ މީހުން މުމްބާއީއަށް ގެންގޮސް ތަހުގީގު ކުރުމުގެ މަސައްކަތް މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން ދަނީ ކުރަމުންނެވެ. ފުލުހުން މިހާރު ދަނީ މި ހަމަލާ ދިނުމުގެ މައިގަނޑު ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.