ބޮލީވުޑްގެ އެކްޓަރު ޓައިގަރ ޝްރޮފް ދަތުރުކުރަމުންދިޔަ ކާރަށް މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ބަޑިން ހަމަލާދީފިއެވެ. އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން މި ހަމަލާގައި ޓައިގަރއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވި ނަމަވެސް، އޭނާގެ ޑްރައިވަރަށާއި އިތުރު މީހަކަށް ވަނީ އަނިޔާވެފައެވެ.

މުމްބާއީ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައިކަލެއްގައި އައި ތިން މީހަކު ވަނީ ޓައިގަރގެ ކާރަށް އަމާޒުކޮށް ގިނަ ފަހަރުތަކެއްގެ މަތިން ބަޑިޖަހައިފައެވެ.

މި ހާދިސާ ހިނގާފައިވަނީ ޓައިގަރ ފުޓުބޯޅަ ކުޅުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ. ފުލުހުން ބުނި ގޮތުގައި، ޓައިގަރގެ ޑްރައިވަރު ފިރުދައުސްގެ ވާތަށް ވަޒަނެއް އަރައި ޒަހަމްވެފައިވާއިރު، އެ ސަރަހައްދުގައި ހުރި އޮޓޯރިކްޝާ ޑްރައިވަރެއްގެ މެޔަށް ވެސް ވަނީ ވަޒަނެއް އަރާފައެވެ. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. ޓައިގަރގެ ބައްޕަ އަދި ކުރީގެ އެކްޓަރު ޖެކީ ޝްރޮފްގެ ޓީމުން ވެސް ވަނީ ޓައިގަރ ރައްކާތެރިކަމާއެކު ހުރިކަން ކަށަވަރުކޮށްދީފައެވެ.

މި ހަމަލާގެ ޒިންމާ، ޖަލަށް ލާފައިވާ ގޭންގްސްޓާ ލޯރެންސް ބިޝްނޯއީގެ ގޭންގުން ވަނީ ނަގައިފައެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި، އެ ގޭންގަށް ނިސްބަތްވާ އަނިލް ޕަންޑިޓް އަދި ހަރްމަން ސަންދޫ ބުނެފައިވަނީ، މިއީ އެކްޓަރު ސަލްމާން ހާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރަށް ޓައިގަރ ބީރުކަންފަތެއް ދިނުމުން ދިން ހަމަލާއެއް ކަމަށެވެ. ސަލްމާން ހާނާއެކު މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ކުރިއަށް އޮތް ތަނުގައި މިފަދަ ހަމަލާތައް އަމާޒުވާނެ ކަމަށް އެ މީހުން އިންޒާރުދީފައިވެއެވެ.

ނަމަވެސް، މި ހަމަލާއާއި ބިޝްނޯއީ ގޭންގާ ގުޅުމެއް ވާކަން މުމްބާއީ ފުލުހުން އަދި ރަސްމީކޮށް ކަށަވަރެއް ނުކޮށްދެއެވެ. ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މޯހިތު ގަރްގް ވިދާޅުވެފައިވާ ގޮތުގައި، ހަމަލާދިން މީހުން ހޯދުމަށް ފުލުހުންގެ 15 ޓީމެއް ވަނީ އެކުލަވަވައިލައިފައެވެ. އަދި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް މެދުވެރިކޮށް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.