ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ހުޅުމާލޭގައި ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 6:48 ހާއިރު ކަމަށެވެ.
އެންސިސްގެ ގުދަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުންދާތީ، ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށާއި އެ ހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނަށް ސިއްހީގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.
"އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ވަޑައިގަންނަވާ ބޭފުޅުން މަގު ބޭނުންކުރައްވާ އިރު، ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. އަދި އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ އެންމެހާ ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕަވައި ބޭރަށް ނުކުންނަވަން ޖެހިއްޖެނަމަ، މާސްކު އެޅުއްވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރަމެވެ..،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ ހިދުމަތުން އެކަންކަމަށް ހާއްސަ ސަމާލުކަމެއްދީ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގައި ގެންދަނީ މަސައްކަތްކުރަމުން ކަމަށާއި އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ދަންނަވާ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ފިޔަވަޅުތަކަށް ސަމާލުވުމަށް އަންގައިފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ސަމާލުކަން ދެންވީ ކަންތައްތައް:
- ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުން. (ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ)
- ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުން.
- ނޭވާލާ ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ ފަރާތަތްކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވޭ.
- ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން.
- ނޭވާ ކުރުވުން / ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯއްދަވާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ