ހެންވޭރުގައި ހުންނަ ގެއެއްގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތުގެ ގިނަ ފަންގިފިލާތަކަކަށް އެކިވަރުގެ ގެއްލުން ލިބިއްޖެއެވެ.

ހ. އުނިހިޔާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ރިޕޯޓް 15:12 ހާއިރު ލިބުމާއެކު މާލެ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ގާތްގަނޑަކަށް އެއް ގަޑިއިރާއި ހަތް މިނެޓުގެ މަސައްކަތުން 16:19 ހާއިރު އަލިފާންގަނޑު މުޅިން ކޮންޓްރޯލްކޮށް ނިއްވާލެވުނެވެ. މި ހާދިސާ މެދުވެރިވީ ކަރަންޓުޝޯޓެއްގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

23 ނޮވެމްބަރު 2026، ހެންވޭރުގައި ހުންނަ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން -- ފޮޓޯ/ އެންޑީއެމްއޭ

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، 3 ވަނަ ފަންގިފިލާގެ އިތުރުން 4، 5 އަދި 6 ވަނަ ފަންގިފިލާއަށް ވެސް ތަފާތު ގެއްލުންތައް ލިބިފައިވެއެވެ.

އެ އިމާރާތުގައި ދިރިއުޅެމުން ދިޔަ 20 މީހުންނާއި ތިން ކުޑަކުދިން ހިމެނޭ ގޮތަށް ޖުމްލަ 23 ފަރާތަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއޭއިން ވަނީ ހަމަޖައްސައިދީފައެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު ފަންގިފިލާގައި ދިރިއުޅެމުންދިޔަ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.